ދިރާގު ސްޕީޑްބޯޓް ޕްރޮމޯޝަންގެ ނަސީބުވެރިޔާއާ ބޯޓު ހަވާލުކޮށްފި

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ގއ. ވިލިނގިލީ ހުސައިން ފަޔާޒްއާ ބޯޓު ހަވާލުކޮށްފިއެވެ. މި ބޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ އަލް ޝާލީ މެރިން ބޯޓްޔާޑުގައެވެ.
ފަޔާޒްއާ ހަވާލުކޮށްފައިވަނީ އަލް ޝާލީ މެރިން މަޖެލަން 32 ބޯޓެކެވެ. މީގެ އިތުރުން ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނުވެސް އޭނާއާ ހަވާލުކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި ފަޔާޒާއި އޭނާގެ އާއިލާގެ އިތުރުން ދިރާގު އަދި އަލްޝާލީއާއި އައުޓްބޯޑު އިންޖީނު ސްޕޮންސަރކޮށްދިން އެލިޔާ ކުންފުނީގެ ފަރާތުން ބައިވެރިވިއެވެ.
"މި ޕްރޮމޯޝަންގައި ފުރަތަމަ ބައިވެރިވިއިރު މި އިނާމް ލިބިދާނެކަމަށް ހިއެއް ނުކުރެވުނު. ނަމަވެސް ހަނގު ދަރިފުޅު ޝައުޤުވެރިވުމުން ބައިވެރިވީ،" ފަޔާޒް ބުނެފައިވެއެވެ. އަދި އޭނާ ބުނީ ބޯޓު ލިބުނުކަން އެނގުމުން ފުރަތަމަ ޤަބޫލުކުރަން ދަތިވި ނަމަވެސް ވަރަށް އުފާވި ކަމަށެވެ.
ދިރާގުގެ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 އިން ޑިސެމްބަރު މަހުގެ 16 އަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދަކީ ދިރާގުގެ ކަސްޓަމަރުންނަށް ތަފާތު، ބޭނުންތެރި އަދި އަގުހުރި އިނާމުތައް ހޯދައިދިނުމެވެ.
ފަޔާޒް ވަނީ ދިރާގުން ކަސްޓަމަރުންނަށް މިފަދަ ޕްރޮމޯޝަންތައް ބާއްވައި، ތަފާތު އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުޞަތުތައް ހޯދައިދެމުންދާތީ އެ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ