އިސްރާއީލު މައްސަލައިގައި ބަޔާނެއް ދެއްވުމަށް އޭޖީ އައިސީޖޭއަށް

އިސްރާއިލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ މައްސަލައިގައި، މާދަމާ އެ ކޯޓަށް ހާޒިރުވެ, ރާއްޖޭގެ ފަރާތުން ބަންޑާރަނައިބު (އޭޖީ) އަހްމަދު އުޝާމް ބަޔާނެއް ދެއްވުމަށް ހަމަޖެހިއްޖެއެވެ. އޭޖީ އޮފީހުން ބުނީ އުޝާމް ބަޔާން ދެއްވުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ ބިންތަކުގައި އދ.އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެ ފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިސްރާއުލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ކަމަށެވެ. އެ މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލްއަގުވާމީ ޖަމިއްޔަތަކާއެކު ގައުމުތަކުން ފޯރުކޮށްދޭ އިންސާނީ އެހީއަށް ހުރަސް އަޅައި، ޔުނައިޓެޑް ނޭޝަންލްސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްތައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރުޑަބްލިއުއޭ)ގެ މަސައްކަތްތައް ހުއްޓުވައިލަން އިސްރާއިލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް، އިސްރާއިލުން ހަމަލާތައް ދެމުން ގެންދާތީ އެ ގައުމުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭ ގޮތުން އައިސީޖޭއަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ.ގެ އާންމު މަޖިލީހުގެ ގަރާރަކުން މިދިޔަ އަހަރުގެ ޑިސެންބަރު 19ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ، ލިޔުމުން ބަޔާން ހުށަހަޅާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28ގައެވެ. ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މި އަހަރުގެ އޭޕްރީލް 15ގައި ވަނީ މަނާކޮށްފައެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، ސަރުކާރުން އެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހެވެ. އެ ޚަބަރަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ސަރުކާރުން އެކަން އިއުލާނުކުރިއިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ ބިލެއް ހުށަހަޅާފައެވެ. އެހެންވެ، ޕީއެންސީން ނިންމީ އެ ބިލު ބަލައިގަނެ، އެ ބިލަށް ސަރުކާރުން ބޭނުންވާ އިސްލާހުތައް ގެންނާށެވެ. ބިލު ބަލައިގަނެ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241 ކޮމިޓީ)އަށް ފޮނުވީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހެވެ. ސަރުކާރުގެ ނިންމުމަށް 316 ދުވަސް ފަހުން، ބިލަށް މައިގަނޑު ދެ އިސްލާހެއް ގެނެސް 241 ކޮމިޓީން އެ ބިލު ފާސްކުރިއެވެ. ކޮމިޓީން ނިންމީ އިޒްރޭލް މީހުން އެތެރެވުން މަނާކުރުމުގެ ބަދަލުގައި އެ ގައުމުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރާށާއި ހަމަލާތައް ހުއްޓާލަން ދެން އެ ފިޔަވަޅު ބާއްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ