ރިސޯޓް ލީގު 2023: ޕްލޭއޮފް މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ވިލަމެންދުއަށް!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އަރި ޒޯނުގައި މިއަދު ހަވީރު ކުޅެވުނު ޕްލޭއޮފް މެޗުގައި ލިލީ ބީޗް 5-1 ގެ ނަތީޖާއަކުން މޮޅުވެ ފައިނަލުގެ ދެ ވަނަ ޖާގަ ވިލަމެންދޫއިން ކަށަވަރުކޮށްފިއެވެ.
މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ވިލަމެންދޫ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ މާޖިދު އެވެ. މިއީ ލިލީ ބީޗުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތުގައި ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ފަހު ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ވިލަމެންދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވިލަމެންދޫގެ އެޓޭކުތަށް ފެނިގެންދިޔައީ މާބޮޑަށް ވެސް ވަރުގަދަކޮށެވެ. އެގޮތުން ފަހުހާފުގެ ދެވަނަ މިނެޓުގައި އެޓީމުގެ މުހައްމަދު މިސްބާހް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އެޓީމުގެ ކެޕްޓަން އަލީ މާޖިދު ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިލީ ބީޗުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
Advertisement
މި މެޗުގައި ލިލީ ބީޗުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝާހިލްއެވެ.  މިއީ އެޓީމަށް ލިބުނު ކޯނަރަކުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ވިލަމެންދޫ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ވިލަމެންދޫގެ ތިން ވަނަ ލަނޑު ދެވަނަ ހާފުގެ 33 ވަނަ މިނެޓުގައި އިހްސާން މަންސޫރު ކާމިޔާބުކޮށްދިންއިރު އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ މާޖިދު އެވެ.
މި މެޗުގައި ވިލަމެންދޫ އިން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އިހްސާން މަންސޫރު އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން ވިލަމެންދޫ ކުރީގައި އޮވެގެންނެވެ. މިދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗުވެސް 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިލަމެންދޫ އެވެ.
މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވިލަމެންދޫ ޓީމުގެ ކެޕްޓަން އަލީ މާޖިދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ