އުރީދޫ ސްޓެމް ފެއާއިން ބެސްޓް ސްކޫލް އެވޯޑް އިސްކަންދަރަށް

އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި އުރީދޫ ސްޓެމް ފެއާ 2023ގެ އެންމެ މޮޅު ސްކޫލަކަށް އިސްކަންދަރު ސްކޫލު ހޮވިއްޖެއެވެ. މި ހަރަކާތުގެ ސަބަބުން ޒުވާން ވިސްނުންތެރިންނަށް އެމީހުންގެ ސައިންސް، ޓެކްނޮލޮޖީ، އިންޖެނިއަރިންގް އަދި މެތެމެޓިކްސް މާއްދާތަކުން އީޖާދީ ހައްލުތައް ދައްކާލައި ވާދަކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އިއްޔެ ބޭއްވި ސްޓެމް ފެއާގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޖޫނިއާ، ސީނިއާ އަދި ނޮވިސް ކެޓަގަރީން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް ރިބަން ދީފައިވެއެވެ. ސްޓެމް ފެއާ 2023ގެ އެންމެ މޮޅު ސްކޫލަކަށް ހޮވުނު އިސްކަންދަރު ސްކޫލަށް އިނާމެއްގެ ގޮތުން 50،000 ރުފިޔާ ވަނީ ހަދިޔާ ކޮށްފައެވެ. އަދި ކޮންމެ ކެޓަގަރީއަކުން އެއް ވަނައަށް ދާ ޕްރޮޖެކްޓް ހުށަހަޅާފައިވާ ސްކޫލަށް 10،000 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން ހުރިހާ ބައިވެރިންނަށް ވެސް ވަނީ ބައިވެރިވިކަމުގެ ސެޓްފިކެޓް ދީފައެވެ. އުރީދޫ ސްޓެމް ފެއާގައި ދައްކާލި ހުނަރު ތަކަށް ސާބަސް ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މި ހުނަރުވެރި ޒުވާން ވިސްނުންތަކުން ހުށަހަޅައިދީފައިވާ ޕްރޮޖެކްޓްތަކުން ދައްކުވައިދެނީ ސްޓެމްގެ ދާއިރާއިން މުސްތަގުބަލުގެ ލީޑަރުން ތިބިކަން ކަމަށެވެ. "އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި ސްޓެމް ތަޢުލީމު ކުރިއަރުވައި، މިދާއިރާތަކުން އެ ކުދިންގެ ހުނަރާއި ޝައުޤުވެރިކަން ކުރިއެރުވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫ ސްޓެމް ފެއާއާ އެކު ޒުވާން ދަރިވަރުން އެކުދިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. "ސްޓެމް ފެއާގެ ސަބަބުން އަޅުގަނޑުމެންގެ މުސްތަގުބަލުގެ ލީޑަރުންގެ ގާބިލްކަން ފެނިގެންގޮސްފި. އަދި މި ގޮތުގައި މި ދާއިރާ ތަކުން ދަރިވަރުން ބިނާ ކުރެވިއްޖެނަމަ ރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް އެހެން ގައުމުތަކާ އެއްހަމައެއްގައި ކުރިއަރެމުގެ ފުރުސަތު ބޮޑުވެގެންދާނެ،" ނިޔާޒް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވިމެންއިން ޓެކްގެ ވައިސް ޕްރެޒިޑެންޓް މަރިޔަމް ޝިމާނަތު ވަނީ ބައިވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ. "އަޅުގަނޑުމެން ދެކޭގޮތުގައި ކޮންމެ ކުއްޖަކަށްވެސް ސްޓެމް ޙަރަކާތްތައް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބެންޖެހޭނެ، އެއީ އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަންކޮށްދޭ ކަމެއް. އުރީދޫ ސްޓެމް ފެއާއަކީ މިދާއިރާގެ ކުރިމަގަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ފެއާއެއްކަން ޔަޤީން. ސްޓެމްގައި ބައިވެރިވުމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓާ އަދި މުޖުތަމަޢުގެ މެދުގައި އެއްބާރުލުން ދިނުން މުހިންމު." ޝިމާނަތު ވިދާޅުވިއެވެ. މި ފެއާގެ ކެޓަގަރީތަކުގެ ތެރެއިން ނޮވިސް ކެޓަގަރީން އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލުގެ އިކޯ ފާމް ޕްރޮޖެކްޓްއެވެ. މިއީ ގްރޭޑް ހަތަރަކުން ފެށިގެން ހައެއްގެ ދަރިވަރުންނަށް ހުޅުވާލާފައިވާ ކެޓަގަރީއެކެވެ. ދެވަނައަށް އިސްކަންދަރު ސްކޫލުގެ ވޭސްޓް ޓު އިލެކްޓްރިސިޓީ ޕްރޮޖެކްޓް އާއި މަޖީދިއްޔާ ސްކޫލުގެ ބައިސްކަލުން އޮޕަރޭޓް ކުރާ ވެންޑިން މެޝިން ޕްރޮޖެކްޓާއި ޣިޔާސުއްދީން ސްކޫލުގެ ސޯލާ ޑީހައިޑްރޭޓް ޕްރޮޖެކްޓް ހޮވުނުއިރު ތިން ވަނައަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ އެއާ ޕޮލިއުޝަން ޑިޓެކްޓާ ޕްރޮޖެކްޓްއެވެ. ގްރޭޑް ހަތެއް އަދި އަށެއްގެ ދަރިވަރުންނަށް ހުޅުވާލާފައިވާ ކެޓަގަރީ، ޖޫނިއާ ކެޓަގަރީގެ އެއްވަނަ ލިބިފައި ވަނީ ޣިޔާސުއްދީން ސްކޫލްގެ ވޭވް ބެރިއާ ޕްރޮޖެކްޓަށެވެ. ދެވަނައަށް އިސްކަންދަރު ސްކޫލްގެ އޮއި ވާށި ޕްރޮޖެކްޓް އަދި ތިން ވަނައަށް ކަލާފާނު ސްކޫލުގެ މޮޑަނައިޒްޑް ޒެބްރާ ކްރޮސިން ޕްރޮޖެކްޓާއި ޣިޔާސުއްދީން ސްކޫލުގެ ވޭވް އެނާޖީ ބޯއީ ޕްރޮޖެކްޓް ވަނީ ހޮވިފައެވެ. ސީނިއާ ކެޓަގަރީން އެއް ވަނަ ލިބުނީ އިސްކަންދަރު ސްކޫލުގެ އެކުއަޕޮނިކްސް ޕްރޮޖެކްޓަށެވެ. މިއީ ގްރޭޑް ނުވައެއް އަދި 10ގެ ދަރިވަރުންގެ ކެޓަގަރީއެވެ. މި ކެޓަގަރީން ދެވަނަ އަށް އިސްކަންދަރު ސްކޫލުގެ މަންފާ ޕްރޮޖެކްޓް އަދި ކަލާފާނު ސްކޫލުގެ އިލެކްޓްރިސިޓީ ބައި ފްލައިވީލް ޕްރޮޖެކްޓް ހޮވުނު އިރު ތިން ވަނަ ހޯދީ މަޖީދިއްޔާ ސްކޫލުގެ ކޮކޮނަޓް ސައިންސް ޕްރޮޖެކްޓެވެ. ސްޓެމް ދާއިރާތަކުން މާހިރުން ބިނާކުރުމަށް އަންނަން އޮތް ޖީލަށް ހިތްވަރު ދިނުމުގައި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ