ކުށްވެރިން އުޅޭނޫޅޭ ގޮތް މޮނީޓާ ކުރުމަށް އެމީހުންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް 2015ގައި ހޯމް މިނިސްޓްރީން ހަވާލު ކުރީ އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏާ ކަމަށާއި އެކަމުގައި އަމަލުކޮށްފައިވާނީ ގަވާއިދާ އެއްގޮތަށް ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އުމަރު މިގޮތަށް ވިދާޅުވީ، ޓެގު އެޅުވުމުގެ މަސައްކަތް ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށުގެ ދައުވާ އުމަރުގެ މައްޗަށް ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާތީ އެވެ.
އޭސީސީން ބުނިގޮތުގައި:
އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިއުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ ބޭރުން، އުމަރުގެ އިރުޝާދުގެ ދަށުން
އެ މަސައްކަތް ހަވާލު ކުރި ސްޓެލްވާޓް މޯލްޑިވްސްއަކީ އުމަރުގެ ވިޔަފާރީގެ މަސްލަހަތު އޮތް ކުންފުންޏެއް
އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްދިނުމަށާއި އެޑްވާންސްގެ ގޮތުގައި 5 ލައްކަ ރުފިޔާ ދިނުމަށް އެދިވަޑައިގެން ފިނޭންސްން މިނިސްޓްރީއަށް އުމަރު ސިޓީއެއް ފޮނުއްވައިފައިވޭ
އުމަރުގެ ބަސް - އުމަރު 'ދައުރު'އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މައްސަލަ ޕީޖީއަށް ފޮނުވިކަން އޭސީސީ އިން މިއަދު އޭނާއަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެކަމުގައި އަމަލުކޮށްފައިވާނީ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"ޕްރޮޖެކްޓް މިނިސްޓްރީން ހަވާލު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އާންމުކޮށް އިއުލާން ކޮށްގެން، ހުޅުވާލެވިފައިވާ ބިޑެއްގައި އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށެވެ،" މެސެޖްގައި އުމަރު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު ވިދާޅުވީ، އެ މައްސަލައިގައި ދައުލަތުން ގޮތެއް ނިންމަންދެން، 90 ދުވަހުގެ މުއްދަތަށް އޭނާގެ ރިޔާސީ ކެމްޕޭން މެދުކަނޑާލައިފައިވާ ކަމަށެވެ.
"ދިވެހި ދައުލަތުގެ މަތީ މަގާމުތަކަށް އަންނަ މީހުންނަކީ ފަސްބައިގައި އެއްވެސް ކިލަނބު ކަމެއް ނެތް މީހުންނަށް ވާން ޖެހޭނެ ކަމަށް އަޅުގަނޑު އަބަދުވެސް ދެކެމެވެ،" ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކެއް ބައިވެރިވެގެން ބޭއްވި 2008ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި އުމަރު ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން - ކުރީގެ ހޯމް މިނިސްޓަރު އުމަރުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވައިފި
މަސައްކަތް ހަވާލުކުރީ ކުޑަ އަގު ހުށަހެޅި ފަރާތާ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ