ރައީސް ޔާމީން މިނިވަންކުރަން ގޮވައިލާ އިދިކޮޅުން މުޅި ރާއްޖޭގައި އިހުތިޖާޖުކޮށްފި

އަންނަ ރަމަޟާން މަހަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު އަދި ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޖަލުން ގެކޮޅަށް ބަދަލުކުރުމަށާއި، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރަން ގޮވައިލާ އިދިކޮޅު ޕްރޮގްރެސިވް/ ކޮންގުރެސް ކޯލިޝަނުން މުޅި ރާއްޖޭގައި އިހުތިޖާޖުކޮށްފިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އިދިކޮޅު އިއްތިހާދުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާއަކީ ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ފާއިތުވި ޑިސެންބަރު މަހުގައި އިއްވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ފަށާފައިވާ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން މުޅި ރާއްޖޭގައި ބޭއްވި ދެވަނަ އިހުތިޖާޖެވެ.
މިއަދު ބޭއްވި އިހުތިޖާޖުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ޕީޕީއެމްގެ މެންބަރުންވަނީ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން މަގުމައްޗަށް ނިކުމެފައެވެ. އެ ޕާޓީގެ މެންބަރުން މި އިހުތިޖާޖުގައި ގޮވާފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަކީ "ހަރާން" ހުކުމެއްކަމަށެވެ. އަދި އެމަނިކުފާނު މިހާރުން މިހާރަށް ބަންދުން ދޫކުރަން އިދިކޮޅުން ގޮވައިލިއެވެ.
މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން މާލޭގައި އިހުތިޖާޖު ބާއްވާފައިވަނީ ރަސްފަންނު ސަރަހައްދުގައެވެ. އެ އިހުތިޖާޖު ކުރިއަށްގެންދިޔައީ މާހެފުމަކާވެސް އެކީގައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިދިކޮޅު އިއްތިހާދުގެ މެންބަރުން ރައީސް ޔާމީން މިނިވަންކުރަން ގޮވައިލާ އިހުތިޖާޖުކުރިއިރު މީގެ ކުރިންވެސް ރައީސް ޔާމީނުގެ މައްޗަށް އިއްވި 5 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނު ޖަލުގައި ތަންފީޒުކުރެއްވިއިރު އާއިލާއިންނާއި އިދިކޮޅު ޕާޓީތަކުން އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދޭން އެދުމުން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ އެކަމަށް އިންކާރުކުރައްވާފައެވެ.
ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވެވި 11 އަހަރުގެ ޖަލު ހުކުމް އިއްވެވި އެކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ޝަކީލަށް ޖުޑީޝަލް ސާވިސް ކޮމިޝަނުންވަނީ ހައިކޯޓުގެ ފަނޑިޔާރުކަން ހަމަޖައްސައިދީފައެވެ. ޝަކީލު ހައިކޯޓަށް ޕްރޮމޯޓުކުރިއިރު، ރައީސް ޔާމީނުގެ ވަކީލުންވަނީ އޭނާ އިއްވެވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އަދި އެ މައްސަލަ އަވަސްކުރަން އިދިކޮޅު އިއްތިހާދުން އަންނަނީ ހައިކޯޓަށް ގޮވައިލަމުންނެވެ. އެ މައްސަލައަކީ ރައީސް ޔާމީނަށް ތާއީދުކުރާ އެތައް ހާސް ރައްޔިތުންގެ ހައްގުތަކާ ގުޅުންހުރި މައްސަލައެއްކަން އިދިކޮޅު ކޯލިޝަނުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ