މި ރިޔާސީ އިންތިހާބުގައި ރައްޔިތުން ޕާޓީތަކާއި ދުރުވެދާނެތަ !؟

ސިޔާސީ ޕާޓީތައް ވުޖޫދުވިފަހުން ތިން ރިޔާސީ އިންތިޚާބަކާ ދިވެހިން ކުރިމަތިލައިފިއެވެ. ކުރިއަށް އޮތީ ހަތަރުވަނަ ރިޔާސީ އިންތިޚާބެވެ. ރައްޔިތުންގެ މެދުގައި އެންމެބޮޑަށް އުފެދޭ ސުވާލަކީ މިރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ ކޮން ޕާޓީއަކުންތޯ؟ ނުވަތަ ކާކުތޯ؟ އެވެ. މިސުވާލާއި ގުޅިގެން އުފެދޭ އެހެން ސުވާލެއްވެސް އެބައޮތެވެ. މިފަހަރު ރައްޔިތުން ޕާޓީތަކާއި ފެއަށްޖެހިދާނެތޯ؟ އުފެދޭ ސުވާލެވެ. ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީއެއް ނެތްކަމަށް ދެބަސްވާނީ މަދުބައެއްކަންނޭގެއެވެ. ޕާޓީތަކަކީ ޑިމޮކްރަސީ ކުރިއެރުވުމަށްވުރެ، ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރާ އައްޑަނައެއްކަމަށްދެކޭ މީހުންވެސް މަދެއްނޫނެއެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވީއިރު، ޕާޓީތައް އޮތީ އޭގެ އެންމެ ޅަފަތުގައެވެ. ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމުގެ ފިކުރުގައި އުފަންވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އެއިންތިޚާބަށް ނުކުތީ ވެރިކަން ބަދަލުކުރުމުގެ ނަމުގައެވެ. ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ނިކުތީ ރައީސް މައުމޫނުގެ ތިރީސް އަހަރުވީ ވެރިކަން ރަނުން ޖަރީކޮށް އިތުރު ފަސްއަހަރަށް އެ ވެރިކަން ދެމެހެއްޓުމަށެވެ. ޤާސިމް އިބްރާހީމް، ޢުމަރު ނަސީރު އަދި އިބްރާހީމް އިސްމާޢީލް ނުކުންނެވީ އެބޭބޭފުޅުންގެ އަމިއްލަ ޕާޓީތަކުންނެއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ސަޕްރައިޒްކޮށްލީ އަމިއްލަގޮތުން ވާދަކުރި ޑރ. ޙަސަން ސަޢީދެވެ. އެމް.ޑީ.ޕީއަށް ދެވަނަ ބުރަށް ދެމިގަނެވުނީ ހަނިގޮތަކަށެވެ. ޑރ. ޙަސަން ސަޢީދު ދިޔައީ ތިންވަނައަށެވެ. އެއީ އޭރުގެ ޙަޤީޤަތެވެ.
2013 އަދި 2018 ގެ ރިޔާސީ އިންތިޚާބުތަކަކީ އޮޅުންބޮޅުން ގިނަ، އެތަކެއް ކަމެއް އެއާއި މަސްހުނިވި އިންތިޚާބުތަކެކެވެ. މިއިން އެއްވެސް ފަހަރަކު އަމިއްލަގޮތުން ކެނޑިޑޭޓަކު ވާދައެއް ނުކުރެވެ. ކުރަން ފުރުސަތުނެތީވެސް ކަންނޭގެއެވެ. އެހެންނަމަވެސް މިފަހަރު އަމިއްލަގޮތުން ކެންޑިޑޭޓުންތަކެއް ތިލަވެއްޖެއެވެ. ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު އަދި ކުރީގެ ލޯކަލްގަވަރންމަންޓް އޮތޯރިޓީގެ ނާއިބު ރައީސް ޝުޖާޢު ޙުސައިން ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް ރޭހަށް ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރުވެސް ނުކުންނަވައިފިއެވެ. ޑރ. މުޙައްމަދު މުނައްވަރަކީ ދޮށީ ބޭފުޅެކެވެ. ކުރީގެ ބަންޑާރަ ނައިބެކެވެ. ކުރީގެ މަޖްލިސް މެންބަރެކެވެ. ޢުމަރު ނަސީރަކީ ކުރީގެ ދާޚިލީ ވަޒީރެވެ. ޝުޖާޢު ޙުސައިން އަކީ ޒުވާނުންގެ ޤައުމީ މަޖިލީހުގެ ކުރީގެ ރައީސެވެ. އެލް.ޖީ.އޭގެ ކުރީގެ ނާއިބު ރައީސެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީތަކާއިފެއަށް ރައްޔިތުންޖެހިއްޖެނަމަ، ރައްޔިތުން ކުރިމައްޗަށް އަދި ނިކުމެތިބީ މިފަރާތްތަކެވެ. ދުވަސް ގާތްވަމުންދިޔަހެން އިތުރު ބަޔަކުވެސް ނުކުމެދާނެއެވެ. އެވެސް ވެދާނެކަމެކެވެ. އެހެންނަމަވެސް މިހާރަށް އޮތީ މިލިސްޓެވެ. ގިނަ ދުވަސްތަކެއްވަންދެން ރައީސް މައުމޫނުގެ ބަންޑާރަނައިބުކަން ކުރެއްވި ބޭފުޅަކާއި، ރައީސް ޔާމީނުގެ ދައުރުގައި ބާރުތައްނަންގަވާފައި ބެހެއްޓެވި ދާޚިލީ ވަޒީރަކާއި އަދި ރައީސް ޔާމީންގެ ވެރިކަމުގައި މަޖްލިސް މެދުވެރިކޮށް އެލް.ޖީ.އޭއިން ވަކިކުރެވުނު ބޭފުޅެކެވެ. މިތިން ބޭފުޅުންނަކީ ޤާބިލުބައެއްތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުންނެވެ. ރައީސުލްޖުމްހޫރިޔާކަމުގެ ޒިންމާ އަދާކުރެވޭފަދަ ހަކަތައާއި ޤާބިލުކަމާއި ޙިކުމަތުޢަމަލީ މިބޭފުޅުންކިބައިގައި ހުރިތޯވެސް ނިންމާނީ ރައްޔިތުންނެއެވެ.
މިބޭފުޅުންނާއެކު 2008 ވަނަ އަހަރު ފެނުނުކަހަލަ ސަޕްރައިޒްއެއް ފެނިދާނެބާވައެވެ؟ މިއިން ބޭފުޅަކު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސްއެއްގެ ގޮތުގައި ހުވާކުރާއްވާފާނެބާވައެވެ؟ ހުވާކުރައްވައިނަމަ ދިވެހިން ޕާޓީތަކާ ފެއަށްޖެހުނީއެވެ. އެހެންނޫންނަމަ ހަމަ މިރާއްޖޭގައި އޮންނާނީ އެޕާޓީ މިޕާޓީގެ ވާދަވެރިކަމެވެ. ގޮތް ނިންމާނީ ރައްޔިތުންނެއެވެ.
 
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a72e5f75a2d83ff86bba0338b48c34a9" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ