އޭޕްރީލް 15 އަށް ؛ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓް ނާގާ ތާރީހު ކޮމިޝަނުން މިއަދު ދިން ނަމަވެސް އިންތިހާބަށް އަދި ގޮވައެއް ނުލަ އެވެ. މި ފަހަރުގެ މި ބައި-އިލެކްޝަނަކީ ވަރަށް ފޯރިގަދަ ބައި އިލެކްޝަނަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިއަ ބުރާސްފަތީގައި އެދާއިރާގެ މެންބަރު، ގާނޫނީ ވަކީލު އިބްރާހިމް ރިޒާ މިދިޔަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް ގައުމުން ބޭރުގައި އަވަހާރަވުމާ ގުޅިގެނެވެ. 
މަޖިލީހުގެ ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ އާއި ގުޅި އާއި މާފުށި ހިމެނޭ ގޮތަށް ތިން ރަށެވެ. ދާއިރާގައި އަބަދުވެސް ނުޒޫދު ގަދަވެފައި ސަޕޯޓް ބޮޑީ އިދިކޮޅު ޕީޕީއެމެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓް ނާގާ ތާރީހު ދިން ނަމަވެސް އިންތިހާބަށް އަދި ގޮވައެއް ނުލަ އެވެ. މެންބަރު ރިޒާ އަވަހާރަވުމާއެކު މިހާރު އަޑުތައް ފެތުރިފައިވާ ގޮތުން އެ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމާއި އެމްޑީޕީ އާއި ޖޭޕީގެ އިތުރުން އެމްއެންޕީ ވެސް ވާދަ ކުރާނެ އެވެ.
ގުރައިދޫ ދާއިރާއަށް 2019 ވަނަ އަހަރުގައި ވާދަ ކުރެއްވި ފަސް ކެންޑިޑޭޓުންގެ ތެރެއިން ރިޒާއާ ވާދައެއް ކުރެއްވުނީ އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ވިޔަފާރިވެރިޔާ އާދިލް ސަލީމަށް އެކަންޏެވެ. އަނެއް ތިން ބޭފުޅުންނަށް ލިބުނީ މަދު ވޯޓްކޮޅެކެވެ. އެ ފަހަރު ވޯޓް ލިބުމުގެ ހައްގު 3,139 މީހަކަށް އޮތް އިރު ވޯޓްލާފައި ވަނީ 2,511 މީހުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ