ޢިބްރަތްތެރި ވާހަކަ: ގޭގައި ކެވޭނެފަދަ ނެތިގެން ދުޢާކޮށްފައި މަގުމައްޗަށް ނުކުތް ކުޑަކުއްޖާއަށް ހުރިހާ ބޭނުމެއް ފުދި ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑުގެ ބައްޕަ ލޮލަށް ފެނުނު ހަނދާނެއް ނުހުރެއެވެ. މަންމަ ބުނަމުން އައީ ބައްޕަ ކޮންމެވެސް ތަނަކަށް ދިއައީ ކަމަށާއި އެނބުރި އަންނާނެ ކަމަށެވެ. އެހެން ބުނަންފެށި ޢުމުރު ހަނދާނެއް ނެތެވެ. ނަމަވެސް މަންމަ ނިޔާވީ އަޅުގަނޑުގެ ޢުމުރުން 14 އަހަރުގައި ކަމާއި އެއިރުވެސް ބައްޕަ ލޮލަށް ނުފެންނަކަން ހަނދާންހުރެއެވެ. 
ކޮންމެއަކަސް މަންމަ ނިޔާވުމުން ހުރީ މުސްކުޅި މާމައެކަންޏެވެ. މާމައަކީ އެއްވެސް މަސައްކަތެއް ކުރެވޭ މީހެއް ނޫނެވެ. އެހެންވެ އިތުރަށް އެއްވެސް އެއްޗެއް ލިބޭނެ ގޮތެއް ނެތެވެ. އެޒަމާނަކީ މިހާރުހެން 65 އަހަރުވުމުންވެސް އެއްވެސް ޢިނާޔަތެއް ލިބޭ ދުވަސްވަރެއް ނޫނެވެ. 
އެންމެ ފަހަށް ހުރި ހަނޑޫކޮޅު ކައްކާފައި މަގުމައްޗަށް ނުކުމެ ހިނގައިގަތީމެވެ. ވަކިތަނަކަށް ދާކަށްވެސް ނޫނެވެ. އެއްވެސް މީހެއްގެ އެހީތެރިކަމެއް ލިބޭނެ ކަމަކަށްވެސް ނޫނެވެ. އެކަމަކު ނުކުތުމުގެ ކުރިން މެންދުރުނަމާދުކޮށް މިނޫން ޙާލަތެއް ދެއްކެވުން އެދި ދުޢާކުރީމެވެ. 
މަޖީދީމަގު މެދެއްހައި ހިސާބުން ދެމަފިރިއަކު އަޅުގަނޑު ހުއްޓުވައި މަންމަ ކޮބައިތޯ ސުވާލުކުރުމުން ނިޔާވިތާ ހަފްތާއެއް ވެއްޖެކަމަށް ބުނީމެވެ. ދެން ސުވާލުކުރީ އަޅުގަނޑާއި މާމަގެ ޙާލުގެ ވާހަކައިންނެވެ. ކިޔައެއް ނުދެވުނެވެ. ރޮވުނީއެވެ. 
އަންހެން މީހާ އަޅުގަނޑުގެ އަތުގައި ހިފައި ގެންގޮސް މޭގައި ލައްކޮށްލިއެވެ. ނުރޯން ބުނެ ހިތްވަރުދީފައި އަޅުގަނޑުގެ އަތުގައި ހިފައިގެން ގެއަށްދާން ހިނގައިގަތެވެ. ގެއަށް ގޮސް މާމައާއި ބައްދަލުކުރިއިރު މަންމަ އިނީ ހުސްބަތަށް ފެންފޮދެއް އަޅައިގެން ކާށެވެ. އޭނާ މުޅި ބަދިގެ ހޭވިއެވެ. ކާނެ އިތުރު އެއްޗަކަށް ފެނުނީ ފިޔައެއްގެ ފަޅިއެކެވެ. އިތުރު އެއްވެސް އެއްޗެއް ނުފެނުނެވެ. 
ދެމަފިރިން މާމަގާތުގައި ބުނީ ދެން ގޭގައި ކައްކާނެ ކަމެއް ނެތްކަމަށާއި ދެމައިން ކާނެ އެއްޗެތި ފޮނުވައިދޭނެ ކަމަށެވެ. އަދި އެހެން ޚަރަދުތައްވެސް ކޮށްދޭނެ ކަމަށެވެ. އަޅުގަނޑަށް ކިޔަވައިވެސް ދޭނެ ކަމަށެވެ. 
އެދެމަފިރިންވީ ވަޢުދުތައް ފުއްދިއެވެ. މިއަދު އަޅުގަނޑުގެ ޢުމުރަކީ 36 އަހަރެވެ. ފިރިމީހާއަކީ އެދެމަފިރިންގެ ދޮށީ ފިރިހެންދަރިފުޅެވެ. 3 ކުދިންވެސް ލިބިއްޖެއެވެ. ބައްޕަގެ ވިޔަފާރީގެ ކަންކަން އިސްކޮށް މިތިބީ އަޅުގަނޑުމެން ދެމަފިރިންނެވެ. މާމަގެފަރާތުން ލިބުނު އެޅިގަލުން ރާނައި ސިމެންތި ނުޖަހާހުރި 2 ކޮޓަރީގެ ބަދަލުގައި 2000 އަކަފޫޓުގެ ބިމުގައި މިހާރު އެހުރީ 10 ބުރީގެ ގެއެކެވެ. މަންމައަށާއި މާމައަށް ބަންގްލަދޭޝްގައި 2 މިސްކިތް އަޅައިފީމެވެ. 
އަޅުގަނޑު ވަރަށް ކުރުގޮތަކަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. ޢިބްރަްތ ޙާޞިލުކުރުމަކީ ކިޔުންތެރިންގެ ކަމެކެވެ.
 
- ފަރީޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ