ތަލައިގައި އިޝްތިހާރުކޮށްގެން މި މީހާ 50،000 ރުޕީސްގެ އާމްދަނީއެއް ހޯދަނީ

އިންޑިއާގެ ކެރެލާގެ އަލަޕޫޒާ ސިޓީއަށް ނިސްބަތްވާ މަޝްހޫރު ޔޫޓިއުބަ ޝަފީކް ހާޝިމް ނަމަކަށްކިޔާ މީހަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެން ފެށީ އިސްތަށި މަދު އޭނާގެ ތަލަ ބޯ ބޭނުންކޮށްގެން އާމްދަނީ ހޯދަން ނިންމިކަން އިއުލާނުކުރުމާ ގުޅިގެންނެވެ. މަޝްހޫރު ޔޫޓިއުބް ޗެނަލެއް ހިންގާ 28،000 އަށް ވުރެ ގިނަ މީހުން ފޮލޯވާސްގެ ގޮތުގައި ގެންގުޅޭ ޝަފީކް ވަނީ ހެއާ ޓްރާންސްޕްލާންޓަކަށް ދިއުމުގެ ވިސްނުމާ އެކު އޭނާގެ ތަލަވެފައިވާ ބޯ ބިލްބޯޑެއްގެ ގޮތުގައި ބޭނުންކޮށް އާމްދަނީ ހޯދުމަށް ނިންމާފައެވެ. އެކަން އިޝްތިހާރުކުރުމާ އެކު ޝަފީކަށް ގިނަ ބައެއްގެ ހުށަހެޅުން ލިބި އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏާ އެކު ތިން މަހުގެ ކޮންޓްރެކްޓެއް ވެސް މިހާރު ވަނީ ހަދާފައެވެ. ހެއާ ޓްރާންސްޕްލާންޓް ހެދުމުގެ މަސައްކަތްކުރާ އިންޑިއާގެ ކޮޗިންގެ ކުންފުންޏަކުން ޝަފީކަށް ހުށަހަޅާފައިވަނީ ތިން މަސް ވަންދެން އޭނާގެ ބޮލުގައި އެ ކުންފުނީގެ އިޝްތިހާރެއް ފެންނަ ވީޑިއޯތަކެއް އުފެއްދުމަށެވެ. ބޯ ތަލަވިޔަސް މިހާރު އެކަމާ ދެރަވެ މާޔޫސްވާން ނުޖެހޭނެ ކަމަށް ޝަފީކް ވަނީ ބުނެފައި--ފޮޓޯ/ފޭސްބުކް އެގޮތުން، ޝަފީކް ޔޫޓިއުބް ކޮންޓެންޓްތައް އުފައްދާއިރު ބިލްބޯޑެއްގައި އިޝްތިހާރު ފެންނަ ގޮތާ ދާދި އެއްކަހަލަ ގޮތަކަށް ޝަފީކްގެ ބޮލުގައި އެ ކުންފުނީގެ އިޝްތިހާރު އާއްމުންނަށް ފެންނަން ހުންނަންވާނެ ކަމަށް ވަނީ ޝަރުތުކޮށްފައެވެ. މިގޮތަށް ބޮލުގައި ޓެޓޫއެއް ޖެހުމަށް ފަހު އިޝްތިހާރު ކުރުމުން އާމްދަނީގެ ގޮތުގައި 50،000 އިންޑިއާ ރުޕީސް އޭނާއަށް ދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. މި ޓެޓޫ ފަހުން ވެސް ކެމިކަލް ބޭނުންކޮށްގެން ނައްތާލެވޭނެއިރު އެހެން ކުންފުނިތަކުން އެކަމާ މާ ބޮޑަށް ނުވިސްނުމަށް ޝަފީކް ވަނީ ބުނެފައެވެ. އުމުރުން 36 އަހަރުގެ ޝަފީކް މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުރިމަގުގައި މިހާރަށްވުރެ ރަނގަޅު ހުށަހެޅުންތައް އޭނާއަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މިއީ ތަލަވެފައިވާ ބޯ ބިލްބޯޑަކަށް ބަދަލުކޮށް އިޝްތިހާރު ކުރުމަށް މިގޮތަށް މުޅި ދުނިޔޭގައި ވެސް އަލަށް ފެށުނު ކަމެއް ކަމަށާއި ޝަފީކަކީ އެގޮތަށް އެ ފުރުސަތު ހުޅުވާލި ފުރަތަމަ މީހާ ކަމަށް އޭނާ ވަނީ ދައުވާކޮށްފައެވެ. ޝަފީކް ބުނިގޮތުގައި ތަލަ ވުމަކީ ގުދުރަތީ ގޮތުން ކުރިމަތިވާ ކަމެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް އެކަމާ ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ. މީގެ ކުރިން ކެރެލާ އަދި ސައުދީގައި ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ ގޮތުގައި އަދި ޑިޖިޓަލް ކޮންޓެންޓް އުފައްދާ މީހެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޝަފީކް ބުނެފައިވަނީ، އޭނާގެ މަގުސަދަކީ ބޯ ތަލަވުމުގެ ސަބަބުން މާޔޫސްވެފައިވާ މީހުންނަށް ހިތްވަރުދީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް ހިތްވަރުދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ