ބްރޯޑްކޮމްއަށް އެސްޖީ ނެގުން ހުއްޓުވަން، ކުރީގެ އެސްޖީ އެދުނު އަމުރު ހައިކޯޓުން ވެސް ނުދިން
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެރެނަލްގެ މަގާމުން ވަކިކުރި މަރްޔަމް ޒީނިޔާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފައިވާ މައްސަލަ ބަލައި ނިމެންދެން، އެ މަގާމަށް އެހެން މީހަކު އައްޔަންކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވެސް މިއަދު ނިންމައިފިއެވެ. މިދިޔަ މޭ މަހުގެ 25ގައި ޒީނިޔާ އެސްޖީގެ މަގާމުން ވަކިކުރީ ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިޙުތިރާމު ކުޑަކުރާ ކަމަށް ބުނެއެވެ. އޭގެ ކުރިން މޭ މަހުގެ 20ގައި ތިން ދުވަހަށް އޭނާ ސަސްޕެންޑު ވެސް ކުރިއެެވެ. އެކަމާ ގުޅިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ކޮމިޝަންގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު, ގެއަށް ގޮސްފައިވެއެވެ. އޭގެ ކުރިން، ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މޭ މަހުގެ 18ވަނަ ދުވަހު ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ. ނަމަވެސް، ޕެޓިޝަނެއް ހުށަހެޅިއިރު, އެ ކަންބޮޑުވުންތައް ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައި ނުވާ ކަމަށް, ކޮމިޝަންގެ ރައީސް ޞަފާ ޝަފީގް ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެއަށްފަހު، މިދިޔަ ޖޫން މަހުގެ ފަހެއްގައި ބްރޯޑްކޮމްއިންވަނީ އެސްޖީގެ މާގަމަށް ކުރިލަތިލާން ހުޅުވާލައިފައެވެ. އެއާއެކު ފުރަތަަމަ، ޒީނިޔާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، އޭނާ ސަސްޕެންޑުކުރުމަށާއި ވަކިކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައި، އެ މަގާމަށް އޭނާ އަނބުރާ ހަމަޖެއްސުމަށް އަމުރު ކުރުމަށެވެ. އަދި އޭނާ ވަކިކުރި ދުވަހުން ފެށިގެން އަނބުރާ ހަމަޖެއްސުމާ ހަމައަށް ހިނގާ މުއްދަތަކީ ޒީނިޔާ ވަޒީފާގައި ހުރި މުއްދަތެއް ކަމަށް ކަނޑައަޅައި، އެ މުއްދަތުގައި ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް އެއް ފަހަރާ ދިނުމަށް ބްރޯޑްކޮމްއަށް އަމުރުކޮށްދިނުމަށް އެދިފައިވެއެވެ. އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އޭނާ އެދިފައިވަނީ، އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ބްރޯޑްކޮމްއިން އެސްޖީގެ މަގާމަށް ދާއިމީ މުވައްޒަފަކު ނަގައިފި ނަމަ، ޒީނިޔާއަށް ވަޒީފާ އަނބުރާ ދިނުމަށް ނިންމާ ހާލަތެއްގައި އެ ނިންމުން ތަންފީޒު ކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް ބުނެއެވެ. ނަމަވެސް ޓްރައިބިއުނަލުން ވެސް ނިންމީ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެއާއެކު ހައިކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމުން، މި މައްސަލަ ބެލުމަށްފަހު ނިންމީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ ގޮތަށް ކަނޑައެޅީ ވަގުތީ އަމުރުން ހިމާޔަތްކުރެވޭނެ މަސްލަހަތުއޮތް ކަމަށް ނުބެލޭވޭތީއާއ،ި ތިންވަނަ ފަރާތެއްގެ މަސަލަހަތެއް އުފަންވެފައިވާކަމުގެ އިހްތިމާލް އޮތުމުން އިސްތިއުނާފު ކުރާ ފަރާތުން އެދޭ ފަދައިން ވަގުތީ އަމުރު ނެރޭނެ ތަނެއް ނެތް ކަމަށް ފަހަގަކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ