އަނގަޔާ އަތާ ދިމާނުވިޔަސް ނެތް ފައިސާއިން ރަސްމާލެ ހިއްކަން ޖެހޭ ހެއްޔެވެ. ދައުލަތުން އެންމެ ލާރިއެއްވެސް ހަރަދުނުކޮށް 8 މަސްދުވަސް ތެރޭގައި ހިއްކާ ނިންމަން ވައުދުވީ ރަސްމާލެ ވަނީ ދައުލަތަށް ބަލަދުއަރާ ލޭއަޅާ ދަރިއަކަށް ވެފައެވެ.
ރާޖޫއާއި ހަވާލުކޮށްގެން ބާޓާ ސިސްޓަމަށް ހިއްކަންފެށި ރަސްމާލޭން ދެތިން ހެކްޓަރުވެސް ރާޖޫއަކަށް ނުހިއްކުނެވެ. މަސައްކަތް ނުހިނގާތީ އެކަމާ ސުވާލު އުފެއްދުމުން އޭރުގެ ހައުސިންގ ވަޒީރު ހައިދަރު ދެއްކީ މާމޮޅު ވާހަކައެކެވެ.
ރަސްމަލެއަކީ އެކޯސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކަށްވާތީ އެކަމާގުޅޭ ދިރާސާތައް ހެދުމުގެ ކަންކަން ކުރިއަށްދާތީ ހިއްކުން މަޑުޖެހިފައި އޮތީ ކަމަށެވެ. އެކަމަކު އެއި ބުހުތާނު ދޮގެކެވެ. ހިއްކުން ހުއްޓިފައި އޮތީ "ރާޖޫ ސްކޭމް" ފަނިވެގެންނެވެ.
އެންމެ ފަހުން ރަސްމާލެ ހިއްކުން ހުއްޓާލާ އެތައް ދުވަހެއްވުމުން އެގްރިމަންޓް ބާތިލުކޮށްލުމުން ހުޅުމާލެން ބޮޑު ސަރަހައްދެއް ދަމައިގަނެގެން ރާޖޫ ބެޗީއެވެ. ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިއްކާފައިވާ ހުޅުމާލެއިން އެތައް ހެކްޓަރުގެ ބިމެއް ގެއްލިދިޔައީއެވެ. ހަގީގަތުގައިވެސް މުއިއްޒުގެ ރަސްމާލެ ސްކޭމަކީ ދައުލަތް ނޮޅާކާން ރުވާފައި އޮންނަ ދަންތުރައެކެވެ.
ދައުލަތުގެ ރިޒާވްގައި ދެތިންމަހުގެ ކާޑު ގަންނާނެ ފަދަ ނެތަސް ރަސްމާލެ ހިއްކަން ރިޒާވުން ހަރަދުކުރަން މުއިއްޒު އެއޮތީ އަމުރު ކޮށްފައެވެ. ސަރުކާރު ކުންފުނިތައް ކަރުތާ ފެނުގައި އޮތަސް އެ ކުންފުނިތަކުން ލޯނުނަގައިގެން ވެސް ޖެހެނީ ރަސްމާލެ ހިއްކާށެވެ.
ކޮންމެ އިންތިހާބަކާ ދިމާކޮށް ދައުލަތުގެ ހަޒާނާ ވީދާ ނޮޅާކައި ހުސްކުރަން ބޭނުންކުރާ މުއިއްޒު ބޭނުންކުރާ އެއް ވަސީލަތަކީ ރަސްމާލެއެވެ. ކައުންސިލް އިންތިހާބަށް ބޭނުންވާ ފައިސާ ދަމާ ހޮޅިއަކަށް މިފަހަރު ވެސް އެއުޅެނީ ރަސްމާލެ ހަދާށެވެ. ދައުލަތުގެ ރިޒާވްހުސްވެ ސަރުކާރު ކުންފުނިތައް ބަނގުރޫޓްވިޔަސް މުއިއްޒަށް ހެޔޮތާއެވެ.
އަނގަޔާ އަތާ ދިމާނުވިޔަސް މުއިއްޒަށް ރަސްމާލެ ހިއްކަންޖެހޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ