އުތުރުގައި ޓްރާންސިޓް ބަނދަރެއް ހެދިފައި ނުވަނީ އެހެން ގައުމުތަކުން އެކަން ހުއްޓުވާތީ: އުމަރު
އިގްތިސާދީ ގޮތުން ރާއްޖެ އެހެން ހިސާބަކަށް ގެންދިއުމަށް އުތުރުގައި ޓްރާންސިޕްމެންޓް ބަނދަރު ހަނދަން ޖެހުނު ނަމަވެސް އެކަން ކުރެވިފައި ނުވަނީ އެހެން ގައުމުތަކުން އެކަން ހުއްޓުވާތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރުގެ ވިޝަން ލޯންޗު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ, ޓްރާންސްފޮމޭޝަނަލް މޭޖާ ބޮޑު ބަދަލުގެ ތެރެއިން އިގްތިސާދަށް އިންގިލާބެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުގައި ޓްރާންސިޕްމެންޓް ބަނދަރެއް ހަދަން ޖެހޭކަން ފާހަގަކޮށް އުމަރު ވިދާޅުވީ, ރާއްޖޭގައި މީގެ ކުރިން އެއްވެސް މީހަކަށް އެކަން ކުރެވިފައި ނުވާ ކަމަށެވެ. "މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް. މިކަން އެއްވެސް ލީޑަރަކަށް ކުރެވިފައި ނެތް ސަބަބަކީ އެ ވަރުގެ ވަރުގަދަ ލީޑަރުކު އައިސްސަ ނެތީ. މިކަންކަން އެހެން ގައުމުތަކުން އައިސް ހުއްޓުވާތީވެ މިކަން ނުވެފަ އޮތީ," އުމަރު ވިދާޅުވިއެވެ. ޓްރާންސިޕްމެންޓް ބަނދަރު ހަނދަން ޖެހޭ ސަބަބުތައް ވެސް އުމަރު ކިޔައިދެއްވިއެވެ. އެގޮތުން ރާއްޖެ އޮތީ ވަރަށް ވަރުގަދަ ސީ ރޫޓެއްގައިކަން ފާހަގަކޮށް އުމަރު ވިދާޅުވީ މި ރޫޓުން ދުނިޔޭގެ ތިންބައިކުޅަ ދެބައި ތެލާއި ކޮންޓޭނަރު އުފުލާ ކަމަށެވެ. އެގޮތުން ދުވާލަކު 40 އަކަށް ބޯޓު ހއ. އުލިގަމު/ހޯރަފުށި ކައިރިން ވަދެގެން ރާއްޖެ ހުރަސްކޮށް ދަތުރުކޮށްފަ ދާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެކަން ކުރަން ޖެހޭ ކޮންމެހެން ވެސް. އެކަން އޮތީ އަޅުގަނޑުމެންގެ ވިޝަން ސްޓޭޓްމަންޓްގެ ތެރޭގައި މިކަން ހިމެނޭނެ," އުމަރު ވިދާޅުވިއެވެ. ޓްރާންޝިޕްމަންޓް ބަނދަރެއް ހަދަން ޖެހޭ ސަބަބުތައް ކިޔައިދެއްވަމުން އުމަރު ވިދާޅުވީ މުދަލުގެ އިތުރުން ހަނގުރާމަ މަތީ އުޅަނދު ފަހަރު ވެސް އެ ސަރަހައްދު ހުރަސްކޮށް ދަތުރު ކުރާ ކަމަށެވެ. "މިއީ އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް. ދިވެހިރާއްޖެ އުދުއްސައިގަންނަން ބޭނުންކަމުގައި ވަންޏާ ދިވެހިރާއްޖެ އަޅުގަނޑު މި ދަންނަވާހެން އިގްތިސާދީ ވަރުގަދަ ބިޔަ ރާޅުގައި ޖައްސަން ޖެހޭ," އުމަރު ވިދާޅުވިއެވެ. ޓްރާންޝިޕްމަންޓް ބަނދަރެއްގެ އިތުރުން ރާއްޖޭގައި ފްރީ ޓްރޭޑް ޕޯޓް ތަކެއް ހަދަން ޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. "ޑިއުޓީ ފްރީކޮށް އައިސް ރާއްޖޭގައި މުދާ ބަންދުކޮށް އެކި އެކި ހިދުމަތްތައް ދިވެހިރާއްޖޭގައި ތިބެގެން ޑިއުޓީ ނެގުމެއްނެތި މަސައްކަތް ކުރެވޭނެ އިންތިޒާމް ދިވެހިރާއްޖޭގެ ކަނޑުއޮޅި ތަކުގައި ހުރި ރަށް ރަށުން ލިބެން ޖެހޭ," އުމަރު ވިދާޅުވިއެވެ. އެކަން ކުރަން އެންމެ ރަނގަޅު އެއް ތަނަކީ އައްޑޫ ސިޓީ ކަމަށް އުމަރު ވިދާޅުވިއެވެ. އެ ސިޓީގައި ފްރީ ޓްރޭޑް ޒޯނެއް ގާއިމް ކުރެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ފިޔަވަޅަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި އުމަރު ދެއްކެވީ ޗައިނާ އާއި ޓައިވާނެވެ. އެ ދެ ގައުމު ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ ފްރީ ޓްރޭޑް ޒޯނުތަކަށް ޖާގަ ދިނުން ކަމަށް އުމަރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއަށް އެކަން ތައާރަފް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން އެބަޖެހޭ ފްރީ ޓްރޭޑް ޒޯނު ދިވެހިރާއްޖޭގައި ޖަހަން. އެއީ އަޅުގަނޑުމެންގެ އިގްތިސާދު އެހެން ހިސާބަކަށް ހިއްލާލުމަށްޓަކައި," އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ