ތިލަފުށީ ދެވަނަ ފިޔަވަހީގެ ބިން ހިއްކަން ފަށައިފި

އާބަންކޯއިން ބުނާ ގޮތުން ތިލަމާލެ ބްރިޖުން ހުޅުމާލެ އާއި މާލެ އާއި ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިސޯދީ ގޮތުން އިންގިލާބީ ކުރި އެރުން ލިބޭނެ އެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެރިއާ އޭ އާއި ބީ އާއި އީ އަދި އެފް އޭރިއާގެ އަމަލީ މަސައްކަތް ފަށައިފި އެވެ. 
ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރަން އެރިއާ އޭ، ބީ، އީ އަދި އެފް ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އާބަންކޯ އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުކެވެ. ތިލަފުށީގެ އޭރިއާ ސީ އަދި ޑީ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާއިރު، ފެށީ އޭރިއާ ބީ ގެ ބިން ހިއްކުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން އެރިއާ އޭ އިން 71.5 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެރިއާ ބީ އިން 39.6 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މީގެ އިތުރުން އޭރިއާ އީ އިން 5.9 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ އިރު އޭރިއާ އެފް އިން 0.73 ހެކްޓަރު ބިން ހިއްކާނެ އެވެ. 
ތިލަފުށީގެ ބިންހިއްކައި ތަރައްގީ ކުރަނީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދޭށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް އަންނާނެ އެވެ. އަދި މާލެ ސަރަހައްދު ތަރައްގީ ކުރުމަށް ވެސް ވަރަށް ބޮޑު އެހީއަކަށް ވާނެ އެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަޙައްދުން ތިލަފުށްޓައް ބަދަލު ކުރުމުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުޑަ ވާނެ އެވެ.
މީގެ އިތުރުން ތިލަމާލެ ބްރިޖުން ހުޅުމާލެ އާއި މާލެ އާއި ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިސޯދީ ގޮތުން އިންގިލާބީ ކުރި އެރުން ލިބޭނެ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ