ރައްޔިތުން އުއްމީދު ކުރާގޮތަށް ބިލެތްފަހީގެ އެއާޕޯޓް ނިންމައިދޭނަން: މުއިއްޒު

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއްޖެނަމަ، ށ. ބިލެތްފަހީގެ އެއާޕޯޓުގެ މަސައްކަތް ނިންމައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ބިލެތްފައްސަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަކީ ށ. އަތޮޅު އިންޓަގްރޭޓެޑް އާބަން ޑިވެލޮޕްމެންޓް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރެއްވުން ކަމަށެވެ.
"މި ރަށުގެ ފަޅު ތެރޭގައި އެއާޕޯޓް ހިމެނޭ ގޮތަށް އުމްރާނީ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނަން. ރައްޔިތުން އުއްމީދު ކުރައްވާ ގޮތަށް އެއާޕޯޓް ތަރައްގީ ކޮށްދޭނަން. މިހާރު ހައިމާކެއް ގެނެސް ފަށަން ކުލަވަރު ޖައްސާ ކަމަށް ވާހަކައެއް އަޑު އިވުނު. އެ އެއް ނޫން، އަޅުގަނޑުމެން ކަންކަން ކުރާނެ ގޮތަކީ. ރޭވިގެން ތަރުތީބުވެގެން މަސައްކަތް ފެށި އެގޮތަށް ގޮސް ނިންމައި ދޭނަން" މުއިއްޒު ވިދާޅުވިއެވެ.
އެ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާޕޯޓް ހެދުމާއި ޓޫރިޒަމް ފުޅާކުރުން ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭނާގެ ވެރިކަމެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނީ ހަލުވި ސްޕީޑެއްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ސަރުކާރުން ކުރާ ގޮތަށް "މިއަދު ހައިމާކު، ފަސްމަސް ފަހުން އެނެއް ކަންތައް އެހެން ނޫން" ކަމަށެވެ. މަޝްރޫއުތައް ކުރިއަށް ގެންދާނީ ރޭވިފައިވާ ތަރުތީބު އުސޫލެއްގެ ދަށުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ބިލެތްފަހީގައި ފަށައިފައިވާ އަދި ފަށަން ރާވާފައިވާ މަޝްރޫއުތަކާއި ހުއްޓިފައިވާ މަޝްރޫއުތަކުގެ މަސައްކަތް ހުއްޓާ ނުލައި ބާރަށް ކުރިއަށް ގެންގޮސް ނިންމައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރަށްރަށުގައި ފަށައިފައިވާ މަޝްރޫއުތައް އޭނާގެ ވެރިކަމެއްގައި ހުއްޓައިލާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވާލުމުގެ ގޮތުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބިލެތްފަހީގެ ޒުވާނުންނަށް ޓާފު އަޅާފައިވާ ފުޓްބޯޅަ ދަނޑެއް ހަދައިދޭނެ ކަމަށާއި އެ ރަށު ސިއްހީ މަރުކަޒު މިހާރަށްވުރެ ބޮޑަށް ތަރައްގީކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ބިލެތްފަހީގައި މިހާރު ހުންނަނީ އެންމެ މިސްކިތެއް ކަމަށާއި އެހެންކަމުން ރަނގަޅު ފެންވަރެއްގެ އިތުރު މިސްކިތެއް ހަދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މިކަންކަން ތަރުތީބު ކުރެވިގެންދާނީ ކޮންމެ ރަށެއްގެ އާބާދީއާ އެ ރަށެއްގެ ކުރިއެރުމަށް ފުރުސަތު އޮތް ވަރަށް. ޕޮޓެންޝަން ފޯ ޑިވެލޮޕްމެންޓް، އެއަށް ވިސްނާނެ، އަޅުގަނޑުމެން މަސައްކަތްތައް ބައްޓަންކުރާއިރު އެ ރަށެއްގެ ޖާގަ އޮތް މިންވަރަށް ވެސް ވިސްނާނެ" މުއިއްޒު ވިދާޅުވިއެވެ.
އެކަންކަމަށް ބެއްލެވުމުން ބިލެތްފައްސައަކީ ރަނގަޅު ފެންވަރެއްގައި ތަރައްގީކުރެވޭނެ ރަށެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ