ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު، ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ، ގ. ލިފަދޫ މުހައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
މުހައްމަދު ރާމިޒަކީ ރާއްޖޭގެ ސިޔާސީ ދާއިރާގެ އިތުރުން އިގްތިސާދީ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ފަދަ މުހިންމު ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ގައުމުގެ ގާނޫނީ އޮނިގަނޑު ބައްޓަންކުރުމުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ވިޔަފާރީގެ ދާއިރާއިން ގައުމުގެ އިގްތިސާދަށް އެމަނިކުފާނު ކޮށްދެއްވި ހިދުމަތްތަކަކީވެސް ފާހަގަކޮށްލެވޭ ފަދަ އަގުހުރި މަސައްކަތްތަކެކެވެ.
މުހއްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްހޫމްގެ އާއިލާއަށް އިހްލާސްތެރި ތައުޒިޔާ ދަންނަވާ، ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުހައްމަދު ރާމިޒް ލަހައްޓަވައި، އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާކުރައްވާފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ