ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރުގެ ނިމުމުގެ ފެށުން: އުމަރު

ނޫސްވެރިން ޖަލަށް ލައިގެން އަޑު ކަނޑުވާލަން މަސައްކަތް ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ނިމުމުގެ ފެށުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމުރަ މިހެން ވިދާޅުވީ އަދަދު ނޫހުގެ މުހައްމަދު ޝަހުޒާނު، މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒުއާ ސުވާލެއް ކުރުމުން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި، އަދަދު ނޫހުން ނެރެނު އައިޝާ ޑޮކިއުމެންޓަރީއާ ގުޅިގެން މުއިއްޒުއަށް އިންތިހާ ފާޑުކިޔުންތައް އިތުރުވަމުން ދަނިކޮށް ކުއްލި އަކަށް ނެރުނު އަނގަ ބަންދުކުރުމުގެ ކޯޓު އަމުރާ ބެހޭ ހަބަރު ލިޔެގެން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. 
އުމަރު، ޝޯޝަލް މީޑިއާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނޫސްވެރިން ޖަލަށް ލައިގެން އަނގަ ބަންދުކުރަންޖެހޭ ހިސާބަށް ކަންކަން ދިއުމަކީ އެ ވެރިކަމެއްގެ ބާރު ކެނޑި، ނިމުމަކާ ގާތްވަމުންދާ ކަމުގެ ހެއްކެކެވެ. މިއީ ރާއްޖޭގެ ތާރީހަށް ބަލާލުމުން ވެސް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. 
ދައުލަތުގެ އެންމެ މަތީ މަގާމުތަކާ ހަވާލުވެގެން ތިބޭ ވެރިންނަކީ އާންމު ފަރުދުންނާ ތަފާތު ބައެއް ކަމަށާއި އެއީ ވެރިންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑުގަދަވާނެ ބައެއްކަން ދެނެތިބެ، އެކަންކަމަށް ކެތްތެރިވާން ޖެހޭނެ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވެރިންނަށް ކުރެވޭ ތުހުމަތުތަކަކީ އާންމު ފަރުދުންނާ މެދު ކުރެވޭ ތުހުމަތުތަކާ އެއް މިންގަނޑަކުން މިނެކިރޭނެ ކަންކަން ނޫން ކަމަށް ވެސް އުމަރު ފާހަގަކުރެއްވިއެވެ.
"ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބޭ ވެރިންނަކީ އާންމު އެހެން ފަރުދުންނާ ހިލާފަށް އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުގެ އަޑުގަދަވާނެ ބައެއްކަން ދެނެތިބެގެން އެކަންކަމާ ހަވާލުވާ ބައެކެވެ. ވެރިންނަށް ކުރެވޭ ތުހުމަތުތަކަކީ އެހެން އާންމު ފަރުދުންނެކޭ އެއްގޮތަށް މިނެކިރާ އެއްޗެއް ނޫނެވެ. ވެރިން ހުތުރުކަމެއްގައި ބައިވެރިނުވާކަން ސާބިތުވާންޖެހޭނީ ޝަރުއީ ކޯޓަކުންނޫނެވެ. މައުސޫމްކަން ސާބިތުވާން ޖެހޭނީ "ކޯޓް އޮފް ޕަބްލިކް އޮޕީނިއަން" ގަ އެވެ. އާންމު ރައްޔިތުންގެ ވިސްނުމުގައި އެވެރިއެއްގެ މައުސޫމުކަމަށް ބުރަވެވެން ޖެހެ އެވެ. ކުރެވޭ ތުހުމަތަށް އޮތް ހަމައެނި ޖަވާބަކީ ދޮގެކޭ ބުނުމަކުން ނުފުދެ އެވެ،" އުމަރު ވިދާޅުވި އެވެ. 
ޑޮކިއުމެންޓަރީއާ ގުޅިގެން އަނގަބަންދުކުރުމުގެ އަމުރެއް ނެރުނީ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލުމާ ގުޅިގެންނެވެ. މި މައްސަލައިގެ ޝަރީއަތް މިއަދު ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން އަންނަނީ މިއީ ރާއްޖޭގެ ގާނޫނުއަސާސީގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ލިޔުނު ފަހުން އައި ކަޅު ދުވަހެއްގެ ގޮތުގައި ސިފަކުރަމުންނެވެ. އަދި ޖަލަށްލީ ދެ ނޫސްވެރިން މިނިވަންކުރުމަށާއި އަދަދު ނޫހާމެދު އަޅާ ފިޔަވަޅުތައް ހުއްޓާލުމަށް ދަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ