ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސް

ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސް ދުވަހު ގޯސްވެދާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ފަސް ދުވަހު، ހާއްސަކޮށް އުތުރާއި މެދު ރާއްޖެ ތެރޭގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެ އެވެ. ވައިގަދަވުމާއެކު ކަނޑުތައްވެސް ވަަރަށް ބޮޑަށް ގަދަވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީންވެސް ވަނީ ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން މިހާރުވެސް ވަނީ ހއ. އަތޮޅުން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.
މިސަރަހައްދުގައި 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 އާ ހަމައަށެވެ. އެ ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ