ރައީސް ޞާލިޙްގެ ފަހަތަށް ގާސިމް އަރާނެ އެއްގޮތެއްވެސް ނެތް: ނަޝީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަރާނެ އެއްގޮތެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.އެމްޑީޕީގެ ރައީސް ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރެއްވި މެސެޖުތަކެއްގައި ވިދާޅުވީ ރައީސްގެ ފަހަތްޕުޅަށް ގާސިމް އަރާނެ އެއްގޮތެއް ވެސް ނެތް ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގާސިމް ދިފާއުކުރެއްވުމުން ވެސް ތަކުރާރުކޮށް ނަޝީދު ވިދާޅުވީ ރައީސްއާ އެކު ގާސިމް ނުހުންނަވާނެ ކަމަށެވެ."ތިޔަ ބޭފުޅުން ރައީސް އިބޫއަށް އޮޅުވާލާ ވާ ވައްދަނީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި މިއީ ގާސިމްގެ ރަނުގެ ފުރުސަތު،" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސްއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ނަޝީދު ވިދާޅުވި އެވެ.އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ރައީސް ނަޝީދު މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ "އިބޫ ފަހަތަށް ގާސިމް އަރާނެ އެއްގޮތެއް ވެސް ނެތް" ކަމަށެވެ.ރައީސް ޞާލިޙްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ އެ މެސެޖަށް ރައްދު ދެއްވާފައެވެ.އެގޮތުން، 2008 ވަނަ އަހަރު ރައީސް ނަޝީދާ އެކު ހެއްދެވި ކޯލިޝަނުގެ ހަނދާންތައް ގާސިމް ހުންނެވި ކަމަށާއި އެއީ އޭނާއަށް ހިތި ތަޖުރިބާއެއްގެ ގޮތުގައި ޝަރީފް ވަނީ ސިފަކުރައްވާފައެވެ.އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ފަށައި، އޭގައި ބައިވެރިވާން ނަޝީދުގެ ސަޕޯޓަރުން ލައްވައި މިހާރު ގެންދަނީ ސޮއިކުރުވަމުންނެވެ. އަދި މި މަސައްކަތް ޕާޓީން އެންގިޔަސް ހުއްޓާނުލައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.ނަޝީދު ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ސޯލިހާއެކު އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.ރައީސް ސޯލިހް މީގެ ކުރިން ވިދާޅުވެފައި ވަނީ، ގާސިމްގެ ޖުމްހޫރީ ޕާޓީ ވެސް ހިމެނޭ ގޮތަށް މިހާރު މި އޮތް ސަރުކާރު ހިންގާ ކޯލިޝަނާ އެކު، އެ މަނިކުފާނަށް ދެވަނަ ދައުރެއް ކާމިޔާބުކުރެއްވޭނެ ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަދި މިހާތަނަށް ގާސިމް އާއި ޖުމްހޫރީ ޕާޓީން ވަކި ގޮތެއް ނުނިންމަ އެވެ. ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މި މަހު ފަހުކޮޅު ބާއްވާ ކޮންގްރެސްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ