ބްރެންޓްފޯޑް އިން ސިޓީ ހިފަހައްޓައިފި

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ބްރެންޓްފޯޑް ކުޅުނު މެޗުގެ ފަހު ވަގުތު ބްރެންޓްފޯޑް އިން ޖެހި ދެ ލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.
ތާވަލުގެ ދިހަވަނައިގައި މިވަގުތު އޮތް ބްރެންޓްފޯޑް އަށް 21 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް 21 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމާއި އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ރަށުން ބޭރުގައި ސިޓީ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 21 ވަނަ މިނިޓުގައި ފިލް ފޯޑެން ވަނީ ލަނޑެއް ޖަހާ މެންޗެސްޓަރ ސިޓީ އަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ 78 ވަނަ މިނިޓުގައި ފޯޑެން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި މެނެޗެސްޓަރ ސިޓީ އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން އެދެވޭ ގޮތުގައި ނުހިފި ވަނިކޮށް ބްރެންޓްފޯޑްގެ ޔޯން ވިސާ އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދުތައް އައުކޮށްފަ އެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ކްރިސްޓީއަން ނޯގާޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި އޭގެ ތިން މިނިޓް ފަހުން ބެރެންޓްފޯޑަށް ވަނީ މެޗުން ތިން ޕޮއިންޓް ހޯދުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އަރިމަތިން ބްރަޔަން އެމްބެއުމޯ އޭރިޔާ ތެރެއަށް ބޯޅަ ހުރަސްކުރިއިރު އޭރިޔާ ތެރޭގައި ހުހަށްހުރި ނަތަން އޭކް އަށް ވަނީ އެ ބޯޅަ ބޮލުން ފޮނުވާލެވޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ