ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ބާރު ކަނޑުވާލައި މާޝަލް ގާނޫނު ތަންފީޒު ކުރަން އުޅުއްވުމުގެ ތުހުމަތުގައި އަޒުލުކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލް މިއަދު ހައްޔަރުކޮށްފި އެވެ.
"ޖޮއިންޓް އިންވެސްޓިގޭޝަން ހެޑްކުއާޓާސް އިން ރައީސް ޔޫން ސުކް-ޔޯލް ހައްޔަރު ކުރުމުގެ އަމުރެއް ތަންފީޒުކުރީ ހެނދުނު 10:33ގައި،" ދެކުނު ކޮރެއާގެ ކަމާ ބެހޭ ފަރާތްތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޔޫން އަކީ ދެކުނު ކޮރެއާގެ ވެރިކަމުގައި ހުންނަވަނިކޮށް ހައްޔަރުކުރި ފުރަތަމަ ރައީސެވެ.
ދެކުނު ކޮރެއާގެ އިންވެސްޓިގޭޓަރުންނާއި ފުލުހުން ޔޫން ދިރިއުޅުއްވާ ގޯތިތެރެއަށް ވަނީ ހަރުގަނޑު ބޭނުންކޮށްގެންނެވެ. އޭރު ޔޫން ހުންނަވާ ރިޔާސީ ގަނޑުވަރު ވަނީ ރައީސްގެ ސެކިއުރިޓީ ގާޑުން ބޮޑެތި ވެހިކަލްތައް ދޮރުމަތީގައި ބަހައްޓައިގެން އެ ތަނަށް ނުވެދެވޭ ގޮތަށް ހަދައިފަ އެވެ.
ޔޫން ހައްޔަރު ކުރަން ފުލުހުން ދިޔަ އިރު، އޭނާގެ ގަނޑުވަރުގެ ބޭރުގައި ސަޕޯޓަރުން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު ވަނީ އެއްވެފަ އެވެ. އަދި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕީޕަލްސް ޕަވާ ޕާޓީގެ މެމްބަރުންނާއި ޔޫންގެ ވަކީލުން ވެސް ވަނީ ގޯތިތެރޭގައި ތެރޭގައި ތިބެ ޔޫން ހައްޔަރު ކުރުން ހުއްޓުވަން މަސައްކަތްކޮށްފަ އެވެ.
ޔޫން ހައްޔަރުކުރުމަށް ފަހު، ޔޫންގެ ރިޔާސީ މޮޓޯކޭޑް، ފުލުހުންނާ އެކު އޭނާގެ ގެއިން ނުކުތް ތަން ފެނުނެވެ. އޭގެ ފަހުން ޔޫން އިންނެވި އުޅަނދު ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލާ އޮފީހަށް ގެންގޮސްފަ އެވެ.
ޔޫންއާ މެދު މައްސަލަ އުފެދިފައި މިވަނީ މިދިޔަ މަހު 3ގައި ކުރު މުއްދަތަކަށް މާޝަލް ލޯ އިއުލާނުކުރެއްވުމުން މަގާމުން ދުރުކުރި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް އޭނާ ހާޒިރުނުވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
އަލް-ޖަޒީރާ އިން ބުނީ ރައީސް ދިރިއުޅުއްވާ ގެއިން އޭނާ ހައްޔަރުކުރުމުގެ އޮޕަރޭޝަނުގައި ގާތްގަނޑަކަށް 1000 ފުލުހުން ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. މިހާރު ޔޫންއާ ސުވާލުކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
"ކޮރަޕްޝަންގެ ތަހުގީގު އޮފީހުގައި އޭނާ ގިނަވެގެން 48 ގަޑިއިރު ބެހެއްޓޭނެ. ދެން ނިންމަން ޖެހޭނީ، އެ ހިސާބުން، ރައީސް ބަންދުގައި ބަހައްޓަން އަމުރަކަށް އެދި ހުށަހަޅަންވީތޯ ނުވަތަ ނޫންތޯ،" ސޯލްގައި ހުންނަ އެ ޗެނަލުގެ ނޫސްވެރިނާ ބުންޏެވެ.
ޔޫން އަޒުލުކުރުމުގެ ޝަރީއަތް އިއްޔެ ފެށުމުގެ މަޖިލީހުގައި ޔޫން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުން އޭނާ ހާޒިރުވާން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށް ބުނެފައިވެ އެވެ.
މިއަދު ހިންގި މި އޮޕަރޭޝަނަކީ ޔޫން ހައްޔަރުކުރަން އިންވެސްޓިގޭޓަރުން ކުރި ދެވަނަ އޮޕަރޭޝަނެވެ.
މަގާމުން ދުރުކުރި ދެކުނު ކޮރެއާގެ ރައީސް ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ