ޖޭޕީގެ މީހުން ސަރުކާރުގެ މަގާމުތަކުން ވަކިކުރާނެ ކަމަށް ގަބޫލެއް ނުކުރެވޭ: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުތަކުގައި ވާދަކުރަން ނިންމުމާ ގުޅިގެން އެ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކޮށްފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރުމަށް ނިންމުމާ އެކު، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ޖޭޕީގެ ސްލޮޓުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމަށް އަދި އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ބުނަމުންނެވެ.
ސަރުކާރަށް ތާއީދުކުރާ އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގައި ވެސް އެ މޭރުމުން މި ފަހުން ވާހަކަދައްކަވާފައި ވާއިރު، އެ ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގައި މާމިގިލީ ދާއިރާ ތަމްސީލުކުރައްވާ ގާސިމް ވަނީ އޭނާގެ ޕާޓީގެ ސްލޮޓުތަކުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަމިއްލައަށް އިސްތިއުފާ ނުދެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާ އެކު މައުމޫން ފައުންޑޭޝަންގެ އޮފީސް ހުންނަ ހ. ފުލިދޫގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.
ބުނީ ކީކޭ؟ - ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން، ހާއްސަކޮށް ޖޭޕީގެ ވަޒީރުން މަގާމުން ވަކިކޮށްފި ނަމަ ޖޭޕީން އަމަލުކުރާނެ ގޮތަކާ މެދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ އެއީ ގާނޫނުއަސާސީގެ ދަށުން މަޖިލީހަށް ލިބިފައިވާ ބާރަކަށް ވިޔަސް، "އެ ހިސާބަށް ދާނެ ކަމަށް" ގަބޫލުނުކުރައްވާ ކަމަށެވެ.
"ގަބޫލެއް ނުކުރެވޭ. އެހެނަސް ނޫނެކޭ ވެސް ދަންނަވަނީކީއެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ޖޭޕީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިއަދު ވެސް އިލްތިމާސްކުރެއްވީ އަމިއްލަ ސަބަބަކާ ލައިގެން ނޫނީ އެއްވެސް ބޭފުޅަކު މަގާމުން އިސްތިއުފާ ނުދެއްވުމަށެވެ.
އެނގުން މުހިއްމު - އަންނަ ރިޔާސީ އިންތިހާބަށް ރައީސާ އެކު ކޯލިޝަން ހެދުމަށް މިހާތަނަށް ނިންމާފައިވަނީ މިހާރު ވެސް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ.
ޖޭޕީން ކޯލިޝަން ނުހަދައި އަމިއްލައަށް އިންތިހާބުގައި ވާދަކުރިޔަސް، އެއީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކުރަން ދަތިވާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ގަބޫލެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ