ރައީސް ސޯލިހުގެ ސަރުކާރު ”ސްލޯ“ ކަމަށް ބުނެ އެމްޑީޕީ މެމްބަރު ޒާހިރުގެ ނުރުހުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ”ސްލޯ“ ކަމަށް ބުނެ ގައްދޫ ދާއިރާގެ މެމަބަރު އަހުމަދު ޒާހިރު މަޖިލީހުގައި ވާހަކަ ދައްކަވައިފި އެވެ.
ސަރުކަރަށް ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދޭކަމަށް ބުނެ ޒާހިރު ވާހަކަ ދެއްކެވީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް ބޮއްސުންލައި ހިދުމަތްތައް ނުލިބޭ މައްސަލައިގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ. ޖުމްލަ ގޮތެއްގައި ގިނަ ދާއިރާތަކުގެ ވައުދުތައް ފުއްދުމުގައި ލަސްތަކެއް ވަމުންދާކަން ފާހަގަ ކުރައްވައި ޒާހިރު ވިދާޅުވީ، އޭނާގެ ދާއިރާއަށް ވެސް ބޮޑެތި އިހުމާލުތައް ވެފައިވާ ކަމަށެވެ.
ގައްދޫގައި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް، ބަޖެޓުގައި ހިމަނައި ވެސް މަޝްރޫއު ފެށޭވަރު ނުވާކަމަށް އޭނާ ވިދާޅުވި އެވެ. 50 އެނދުގެ ހޮސްޕިޓަކެއް އަޅަން ވައުދުވެ، މި ސަރުކާރަށް ހަތަރު އަހަރު ވާން ދާއިރު ވެސް މަސައްކަތްވީ ހިސާބެއް އެނގޭނެ ގޮތެއް ނެތްކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި ދާއިރާގައި ހިމެނޭ ވާދޫގެ ސިއްހީ މަރުކަޒު މަރާމާތު ކުރަން ހުށަހެޅިތާ އަހަރެއް ވީއިރު ވެސް މަސައްކަތް ނުފެށޭތީ ޒާހިރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މިއީ މެނޭޖު ކުރުމުގައި ހުރި ބޮޑެތި މައްސަލަތަކެއްގެ ގޮތުގައި ސިފަ ކުރައްވައި ޒާހިރު ވިދާޅުވީ، ރަނގަޅަށް މެނޭޖު ކުރެވޭނަމަ ސިއްހީ މަރުކަޒުތައް ވެސް ހިނގާނެ ކަމަށެވެ. ދާއިރާގެ ރަށްތަކުގައި ސިއްހީ މަރުކަޒުތަކުގައި ބޭނުން ކުރާ ބައެއް ފަރުނީޗަރުތައް އެއްކޮށް ހަލާކުވެފައިވާއިރު އެކަމަށް ސަރުކާރުން ސަމާލުކަމެއް ނުދޭ ސަބަބާއި މެދު ޒާހިރު ސުވާލު އުފެއްދި އެވެ.
ވެރިކަމުގައި ތިއްބަސް މަސައްކަތް ކުރިޔަށް ނުދާނަމަ އެ ވާހަކަތައް ދައްކަން ޖެހޭކަމަށާއި، މިއަދު މިކަންބޮޑުވުންތަކުގެ ވާހަކަ ނުދައްކައި ވާކަށް ނެތްކަން ޒާހިރު ފާހަގަ ކުރެއްވި އެވެ. އެނާ ވިދާޅުވީ މިކަންކަން ކުރިޔަށް ނުދާތީ ވައުދުތައް މަތީން ހަނދާން ނައްތާލީތޯ ރައްޔިތުން ސުވާލު އަމާޒު ކުރަނީ އޭނާއަށް ކަމަށެވެ. އެއް ގަޑިއިރުގެ ދަތުރެއް ނުކޮށް، ނޫނީ މާލެ ނައިސް ކުދިކުދި ޓެސްޓުތައް ހެދޭނެ ގޮތް ހަމަޖެހެން ރައްޔިތުން ބޭނުންވާކަމަށް ޒާހިރު ތަކުރާރުކޮށް ވިދާޅުވި އެވެ.
ސަރުކާރުގެ ސްޕީޑާއި މެދު ހިތްހަމަ ނުޖެހި ޒާހިރު ވާހަކަ ދެއްކެވިއިރު، އެތެރޭގެ އިންތިހާބުގައި އެނާ ތާއީދު ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށެވެ. އިންތިހާބާއި ގުޅުވައި ޕާޓީގެ އެތެރޭގައި ދެބަސްވުންތަކެއް ވެސް އުފެދިފައިވާއިރު، އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ސަރުކާރުން އެމްޑީޕީގެ އުސޫލާއި އަސާސްތަކާއި ހިލާފުވަމުންދާކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ