ރިޔާސީ ރޭހަށް ނިކުންނަވަން ގާސިމް ނިންމަވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފިއެވެ.
ގާސިމް ޖުމްހޫރީ ޕާޓީއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވާގޮތުން، އެ ޕާޓީއިންވަނީ ރިޔާސީ ކެނޑިޑަސީ ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައެވެ. އަދި މިހާރު އެ މުއްދަތު ފާއިތުވެފައިވާކަމަށާއި އެހެންނަމަވެސް އެއްވެސް އެހެން ބޭފުޅަކު ނަން ހުށައަޅުއްވާފައިނުވާކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެހެންކަމުން 2023ގެ ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ކެެނޑިޑޭޓުގެ ގޮތުގައި އޭނާ ނުކުތުމަށް ނިންމަވާފައިވާކަމަށެވެ.
ގާސިމް ޖޭޕީގެ ފަރާތުން ނުކުންނަވާނެކަން އާންމުކުރައްވާފައިވާއިރު، މިހާރު އޮތް ސަރުކާރުގެ ކޯލިޝަން ދެމެހެއްޓުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުވަނީ ޖޭޕީއަށްވެސް ކޯލިޝަން ދައުވަތު ފޮނުއްވާފައެވެ. އެހެންނަމަވެސް ގާސިމް އެ ދައުވަތަށް ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވަނީ އެ ޕާޓީގެ ކެނޑިޑޭޓާއި އެކު ކުރިއަށް ވަޑައިނުގަންނަވާނެކަން ސާފުކޮށްދެއްވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީ އާއިއެކު ފިކުރެއްގެ ދިރުމުން މަސައްކަތްތައް ކުރާނެކަމަށްވެސް އެ ފެކްޝަނުންވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖޭޕީ އާއިއެކު ހުންނެވިއިރު، ޖޭޕީގެ އެންމެ އިސްކޮށް ތިއްބެވި މެމްބަރުންގެ ތެރެއިން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައްވަނީ ސަރުކާރާއިއެކު ކުރިއަށް ވަޑައިނުގަތުމަށް ޖޭޕީއިން ނިންމި ނިންމުމާއިމެދު ނުރުހުންފާޅުކުރައްވާފައެވެ. އެގޮތުން ބައެއް މެމްބަރުންވަނީ އެ ޕާޓީއިން އިސްތިއުފާދެއްވާފައިކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ