ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިފައި ވާތީ، ޔޫއޭއީ އެމްބަސީ ކުލި ނުދިން މައްސަލަ ކޯޓުން ނުބެލި

ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީގެ އިމާރާތް ހުސް ކުރުމުގެ ތިން މަސް ދުވަހުގެ ކުރީގެ ކުލި ނުދައްކާ މައްސަލާގައި 1.4 މިލިއަން ރުފިޔާ ހޯދަން އެ އިމާރާތުގެ ވެރިފަރާތުން ދައުވާކުރި މައްސަލަ ނުބެލޭނެކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިވިލް ކޯޓަށް ގ. ނިއުޝާގެ ވެރިފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ 2020، މޭއި 1 އިން ފެށިގެން ޔޫއޭއީ އެމްބަސީ އެ އިމާރާތުގައި ހިންގައި ކުއްޔަށް ލިބެން ޖެހޭ ފައިސާ ދީފައި ނުވާކަމަށް ބުނެ އެވެ. އޭރު އިމާރާތަކީ ލީސް އެގްރިމަންޓެއްގެ ދަށުން އިމާރާތްކޮށްފައިވާ ތަނަކަށް ވާތީ، އެމްބަސީ ހިންގުމަށް އެގްރިމަންޓު ހަދާފައިވަނީ ކުންފުންޏާއި އެކު އެވެ. އެހެންވެ ގޭގެ ވެރިފަރާތުން ހުށަހަޅާފައި ވަނީ، އޭނާއަށް އެ އިމާރާތް ލިބުމަށް ފަހު ތިން މަސް ދުވަހުގެ ކުލި ހޯދުމަށެވެ.
2022 ވަނަ އަހަރު އިމާރާތް ގޭގެ ވެރިފަރާތުގެ ޒިޔާޔަތަށް ގެނެވުމާއި އެކު، އޭނާގެ ފަރާތުން ވަނީ އެކަން އެމްބަސީއަށް އަންގާފަ އެވެ. އެހެން ނަމަވެސް އިމާރާތުގައި އިތުރަށް އޮފީސް ނުހިންގާނެކަމަށާއި، އޮގަސްޓުގެ ނިޔަލަށް ތަން ހުސްކުރާނެކަމަށް ގޭގެ ވެރިފަރާތަށް އެންގި އެވެ. އެހެން ނަމަވެސް އެއާއި އެއްގޮތަށް ތަން ހުސްކޮށްފައި ނުވާތީ ގޭގެ ވެރިފަރާތުން އަނެއްކާވެސް އޮކްޓޯބަރު 10 ގައި އެކަން އެމްބަސީއަށް ސިޓީއެއް ފޮނުވި އެވެ.
މައްސަލައިގައި ގޭގެ ވެރިފަރާތުން ބުނެފައި ވަނީ، 20 އޮކްޓޯބަރުގައި ތަން ހުސްކޮށްފައިވާކަމަށް އެމްބަސީ އެންގި ނަމަވެސް އެ މަހުގެ ނިޔަލަށް ތަނުގައި އޮފީހުގެ މުދާތައް ބަހައްޓާފައި ހުރިކަމަށެވެ. އަދި އެ ދުވަހުގެ ނިޔަލަށް ދައްކަން ޖެހޭ ކުލި ދެއްކުމަށް އެދި އެކިފަހަރުމަތީން ސިޓީ ފޮނުވުމުން ވެސް ތިން މަހުގެ ކުއްޔަށްވާ 48،720 ޑޮލަރު ދައްކާފައި ނުވާކަމަށެވެ.
ދައުވާ ހުށަހަޅައި އޭނާގެ ފަރާތުން އެދިފައި ވަނީ ތިން މަސް ދުވަހުގެ ކުލިއާއި، ގާނޫނީ ހަރަދުގެ ގޮތުގައި 750 ޑޮލަރު ނަގައިދިނުމަށެވެ.
މައްސަލައިގައި އެމްބަސީގެ ބަހެއް ހޯދުމަށް ދައުވާ ފޯމާއި ލިޔުންތައް ފޮނުވުމަށް މަސައްކަތް ކުރިނަމަވެސް، އެތަކެތި ރައްދު ކުރެވިފައި ނުވާކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.
ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ އެމްބަސީތަކާއި ހައިކޮމިޝަންތަކަކީ ވިއެނާ ކޮންވެންޝަން އިން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ ދަށުން އިމްތިޔާޒް ލިބިގެންވާތަނެއްކަމަށެވެ. އެގޮތުން ދައުވާ ލިބޭ ފަރާތަކީ ގާނޫނެއްގެ ދަށުން މަދަނީ ދައުވާތަކުން އިމްތިޔާޒު ލިބިގެންވާ ފާރާތެއް ނަމަ ނުވަތަ ދިވެހި ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް އިމްތިޔާޒް ދީފައިވާ ފަރާތެއް ނަމަ އެ ފަރާތެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓެއްގައި ދައުވާ އުފުލައިގެން ނުވާނެކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ 88 ވަނަ މާއްދާގައި ބުނާކަމަށް ނިންމުމުގައި ވެއެވެ.
ޔޫއޭއީ އެމްބަސީއަކީ ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާ ފަރާތަކަށް ވާތީ މަދަނީ އިޖުރާއަތު ގާނޫނު ބުނާ ގޮތުގެ މަތީން މިއީ ކޯޓުގައި ކުރިޔަށް ގެންދެވޭނެ ދައުވާއެއް ނޫންކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
މައްސަލައިގައި ސިވިލް ކޯޓުން ގޮތް ނިންމި ނަމަވެސް، 30 ދުވަހުގެ ތެރޭގައި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު ގޭގެ ވެރިފަރާތަށް ލިބިގެންވެ އެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ބެއްލެވީ ގާޟީ ހަފީޒާ އަބްދުއްސައްތާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ