އެޕްރީލް މަހުގެ ކުރިން ޕެންޝަން ސްކީމުގައި ބައިވެރި ނުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ!

އަންނަ އެޕްރީލް މަހުގެ ކުރިން ރިޓާޔަމަންޓް ޕެންޝަން ސްކީމްގައި ބައިވެރި ނުވާ ފަރާތްތައް ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފި އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު އިއްޔެ ވިދާޅުވީ އަންނަ އެޕްރީލް މަހާ ހަމައަށް ޕެންޝަން ސްކީމްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ނުކޮށް ފާއިތުވާ ކޮންމެ މަހަކަށް އިދާރީ ގޮތުން 100ރ. އާއި 500ރ. އާ ދެމެދުގެ ޖޫރިމަނާއެއް ނަގާނެ ކަމަށާއި އޭގެ އިތުރުން ރަޖިސްޓްރީ ނުކުރާ ކޮންމެ މުވައްޒިފެއްގެ މުސާރަ އިން ވެސް މަހަކު 0.5 ޕަސެންޓް ޖޫރިމަނާގެ ގޮތުގައި ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދާރީ ގޮތުން އަންނަ ޖޫރިމަނާ ގާތްގަނޑަކަށް އުޅޭނީ 500ރ. އާއި 100ރ. ވަރުގައި....އެކަމަކު މުވައްޒިފުންތަކެއް ތިބެ އެމީހުން ރަޖިސްޓްރީ ނުކޮށް އެމީހުން ދައްކަން ޖެހޭ ފައިސާ ނުދައްކައި ލަސްކުރަންޏާ އެމީހެއްގެ މުސާރައިގެ 0.5 ޕަސެންޓް އެބަކެނޑޭ މަހަކު. އެހެންވީމާ އެކަށީގެންވާ ބޮޑު އަދަދެއް ޖޫރިމަނާގެ ގޮތުގައި ދައްކަންޏާ، އެ ހައްގަށް ޓަކައި ވެސް އެބަ ޖެހޭ އަޅުގަނޑުމެން ކޮންމެވެސް ކަހަލަ މަޖުބޫރީ ހާލަތެއް ކްރިއޭޓް ]އުފައްދައިގެން[ ނަމަވެސް ]އެކަން ކުރަން[. އެހެންވީމާ އެ މޭރުމުން ލަސްކުރާ ބަޔަކަށް ޖޫރިމަނާ ވެސް ދައްކަވަން ޖެހޭނެ،" މަނިކު ވިދާޅުވި އެވެ.
އަމިއްލަ 60 ކުންފުންޏަކުން މިހާރު ވެސް ޕެންޝަން ސްކީމްގައި ރަޖިސްޓްރީވެ ފައިސާ ދައްކަމުން އަންނަ ކަމަށް ޕެންޝަނާ ބެހޭ އޮފީހުން ބުންޏެވެ.
ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު ބުނާ ގޮތުން ދައުލަތުގެ މުވައްޒަފުން ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް އަދި އެކިއެކި ހިދުމަތްދޭ ތަންތަނުގައި ވަޒީފާއަދާކުރާ މުވައްޒަފުން އަންނަ އެޕްރީލް މަހުގެ ކުރިން އެ ސްކީމްގައި ބައިވެރިވާން ޖެހެ އެވެ. އެ ސްކީމުގައި ބައިވެރިވުމަށް ޓަކައި ވަޒީފާ އަދާކުރާ ފަރާތުން ދައްކަން ޖެހޭނީ އެމީހެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓާއި ވަޒީފާދޭ ފަރާތުން ހަތް ޕަސެންޓާ އެކު ޖުމްލަ ސާދަ ޕަސެންޓް އެވެ.
ރިޓަޔާމަންޓް ސޭވިންގް އެކައުންޓަށް ޖަމާކުރާ ފައިސާ ލިބޭނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ