އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމުގައި އުމަރު ފެއިލް ވެއްޖެ: ރައީސް

ސަރުކާރުގެ ފަރާތުން އިދިކޮޅު ފަރާތްތަކާ ބައްދަލުކުރެއްވުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފުރުސަތު ދެއްވި ކަމަށާއި އެ ބައްދަލުވުންތަކުން އުމަރު ފެއިލްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ހޮޓެލްޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ފަރާތުން އިދިކޮޅު ފަރާތްތަކާ ބައްދަލުކުރެއްވުމަށް ހޯމް މިނިސްޓަރާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް އެބޭފުޅުންގެ ވާހަކަތައް ނުވިސްނޭތީ ކަމަށެވެ. އިދިކޮޅު ފަރާތްތަކާ ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި އުމަރު ފެއިލްވީ "އެބޭފުޅުން ދައްކަވާ ވާހަކަ [އުމަރަށް] އެނގިވަޑައިނުގަތީ" ކަމަށެވެ. "ޚުދު އަޅުގަނޑު އެބޭފުޅުންނާ ވާހަކަދައްކައިފިން. ދެން ކޮންމެއަކަސް އެބޭފުޅުން ދައްކާ ވާހަކަ އަޅުގަނޑަށް ނުވިސްނޭތީ އެބޭފުޅުންނަށް ދެން އަޅުގަނޑު ފުރުސަތު އަރުވައިފިން އަޅުގަނޑުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލުކުރައްވަން. އުމަރު ނަސީރާ އެކިފަހަރު އެބޭފުޅުން ބައްދަލުކުރައްވައިފި. އަޅުގަނޑަށް ހީވަނީ މީގެވެސް ފެއިލްވީ އުމަރު ނަސީރުހެން. އެއީ އެބޭފުޅުން ދައްކަވާ ވާހަކަ އުމަރު ނަސީރަށް އެނގިވަޑައިނުގަތީމަ،" އައްޑޫ އިސްމެހެލަ ހެރާގައި ރިސޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން މުރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން ރައީސްގެ ވާހަކަފުޅުގައި އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަނީ މުޅި އަދާލަތު ޕާޓީ ނޫން ކަމަށާއި އެއީ އެ ޕާޓީގެ ނަމުގައި އުޅޭ މީހުން ކޮޅެއް ކަމަށެވެ. ރައީސް ވިދާޅުވީ ޕާޓީގެ އުސޫލުތައް ގަބޫލުނުކުރާ ކަންތައް އެ ޕާޓީއެއްގެ ލީޑާޝިޕުން ކުރާ ކަމަށްވަންޏާ ޕާޓީގެ ލީޑަރުންނަށް ތިބޭ މީހުން ޒިންމާދާރު ކުރުމަކީ އާންމު މެމްބަރުން އަދާކުރުން ލާޒިމް މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މިހާރު އަދާލަތު ޕާޓީން އެ ހިންގާ ކަންތައްތައް ހަމަމަގަށް ނޭޅުވޭ ކަމަށްވާނަމަ އެ ޕާޓީގެ އާންމު މެމްބަރުން އެބޭފުޅުންގެ ޒިންމާއެއް އޮތްކަން ވިސްނިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "އެހެންވީމަ އަދާލަތު ޕާޓީގެ ނަމުގައި މިހާރު އެހިންގާ ކަންތައްތައް މަގަށް ނާޅުވާ ކަމަށްވަންޏާ، މަގަށް ނޭޅޭ ކަމަށްވަންޏާ އޭގެމާނައަކީ އަދާލަތު ޕާޓީގެ އާންމު މެމްބަރުން ކުރައްވަންޖެހޭ މަސައްކަތްތަކެއް އެބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނޭ،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ