އަނެއްކާވެސް ފާރިސް މައުމޫން ހައްޔަރުކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ވެސް ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ އެ އިދާރާއިން ތަހްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން ދާދި ދެންމެ ފާރިސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ފާރިސް މިހާރު ވަނީ އޭނާ ދިރިއުޅުއްވާ މ. ސްނޯ ރޯސް އިން ނެރެ ފުލުހުންގެ ވެހިކަލެއްގައި ގެންގޮސްފައެވެ. ފާރިސް ދިރިއުޅުއްވާ ގެ ބަލާފާސްކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ބެހިކަމަށް ތުހުމަތުކުރެވޭތީ އާއި މަޖިލިސް މެންބަރުންނާ ގުޅިގެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް ހޯދުމަށެވެ. ކޯޓު އަމުރުގައި ވާގޮތުން ފާރިސްގެ ފޯނާއި ސިމް ކާޑުގެ އިތުރުން މެމޮރީކާޑު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް 90 ދުވަހަށް ގެންދާނެއެވެ. ބަލައި ފާސްކުރުމުގެ އަމުރު ނެރެފައިވަނީ 72 ގަޑިއިރަށެވެ. ފާރިސް ދިރިއުޅުއްވާ ގެ ބަލާފާސްކުރުމަށް ނެރެފައިވާ އަމުރުގައި ސޮއި ކުރައްވާފައިވަނީ ދާދި ފަހުން ކްރިމިނަލް ކޯޓަށް އައްޔަނު ކުރީ ގާޒީ ހުސައިން ޝަހީދުއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ހުށެހެޅިކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ފާރިސް މައުމޫން މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ހައްޔުރުކޮށް އޭނާގެ ޝަރީއަތް ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޯޓުން ދޫކޮށްލާފައެވެ. ފާރިސް ހައްޔަރު ކުރެއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އާ މައްސަލައެއް އުފައްދައި އީޖާދުކޮށްގެން އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފާރިސް ދޫކޮށްލުމުގެ ސަބަބުން ސަރުކާރަށް "މަޑުން ނުތިބެވިގެން" އަނެއްކާވެސް ހައްޔަރު ކުރަން މަސައްކަތް ކުރަނީ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ. ފޮލިސް ކޮމިޝަނަރު އަހުމަދު އަރީފާ ބައްދަލު ކުރެއްވި ކަމަށާއި، ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާވެސް ފާރިސް ހައްޔަރު ކުރުމަށް އަމުރު ނެރެން ޕްރެޝަރު ކުރަމުންދާ ކަމަށް އަރީފް ވިދާޅުވިކަމަށްވެސް ފާރިސް ތުހުމަތުކުރެއްވިއެވެ. ޕޮލިސް ކޮމިޝަނަރު އަރީފު ފާރިސް އާ ބައްދަލުކުރެއްވި ކަމަށް ފާރިސް ވިދާޅުވިނަމަވެސް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ އެކަން ދޮގުކުރައްވާފައެވެ. ފާރިސް ވިދާޅުވީ އެނާ ހައްޔަރު ކޮށްގެން ގެންދިއުމުން މުވައްސަސާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އެފަރާތްތަކުގެ ޒިންމާ އަދާކުރައްވަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ފެނިގެންދަނީ ސަރުކާރު ނޭދޭ ގޮތަކަށް، އިންސާފުން ޝަރީއަތެއް ކަމެއް ނިންމުމުން ނުފޫޒު ބޭނުންކޮށްގެން ސަރުކާރުން އެކަމަށް ފިޔަވަޅު އަޅާތަން ކަމަށެވެ. ފާރިސް ވިދާޅުވީ ސަރުކާރު ގަދަވޭތޯ، ނޫނީ ބަލިވޭތޯ ބަލަން "އެކްސްޕެރިމެންޓް" ކުރަން ބޭނުންކުރަނީ އޭނާ ކަމަށްވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ