ފްލައިމީގެ ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފި

ވިލާ އެއާއިން އޮޕަރޭޓްކުރަމުންދާ ފްލައިމީގެ ފުރަތަމަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފި އެވެ.
އެއްގަމާއި ކަނޑަށް ޖައްސާ ގޮތަށް ފަރުމާކޮށްފައިވާ ސެސްނާ C208 މަރުކާގެ އެ އުޅަނދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް މިއަދު ޖައްސާފައި ވަނީ އިރުއޮއްސި 6:24 ގަ އެވެ.
އެމެރިކާގެ އެންމެ ބޮޑު އެއާކްރާފްޓް އުފައްދާ އެއް ކުންފުނި ކަމަށްވާ ސެސްނާ އެއާކްރާފްޓް ކޮމްޕެނީ ހުންނަ އެމެރިކާގެ ވިޗިތާއިން، 60 ގަޑިއިރުގެ ދަތުރެއް ކުރުމަށް ފަހު ސީދާ ރާއްޖެ އައި އެ ބޯޓުގެ ކެޕްޓަން، ޖިމް މާފީ އަށް އައިއެންއައިއޭ އިން މަރުހަބާ ކިޔާފައި ވަނީ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް އާއި ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް އާއި ފްލައިމީގެ އިސްވެރިންނެވެ.
އެމެރިކާ އިން ރާއްޖެ އައުމަށް ޓަކައި އެ ސީޕްލޭން ވަނީ، ޕޯޗުގަލް، މޯލްޓާ، މިސްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ވެސް ޖައްސާފަ އެވެ.
ދެ ޕައިލެޓުންނާއި ކެބިން ކުރޫއެއްގެ އިތުރުން ހަތް ފަސިންޖަރުންގެ ޖާގަ ހިމެނޭ އެ ސީޕްލޭންއަކީ
އެކިތަންތަން ބަލައިލުމަށް ހާއްސަކޮށްގެން ގެނައި ބޯޓެއް ކަމަށް ވިލާ އެއާ އިން ބުންޏެވެ. ނަމަވެސް ބޯޓަށް ލިބޭ ތަރުހީބަށް ބެލުމަށް ފަހު، ބޯޓުގެ ދަތުރުތައް ރާއްޖޭގެ އެކި ރިސޯޓްތަކަށް ކުރާނެ ކަމަށް ފްލައިމީން މައުލޫމާތުދެ އެވެ.
މީގެ ދެ އަހަރެއް ކުރިން ރާއްޖޭގައި ވައިގެ ދަތުރުތައް ފެށި ވިލާ އެއާގެ ފްލައިމީގައި މިހާރު ވެސް 46 މީހުންގެ ޖާގައިގެ ދެ މަތިންދާ ބޯޓާއި 66 މީހުންގެ ޖާގައިގެ ދެ މަތިންދާބޯޓު އޮވެ އެވެ.
ވިލާ އެއާއިން އޮޕަރޭޓްކުރަމުންދާ ފްލައިމީން މިއަދު ރާއްޖެ ގެނައި ފުރަތަމަ ސީފްލޭން އާއި އެކު އިތުރު ދެ ސީޕްލޭން މި އަހަރުގެ ފަހުކޮޅު ރާއްޖެ ގެންނާނެ ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅި އެވެ.
"މި ވައްތަރުގެ އަދި އިތުރު ދެ ފްލައިޓް އަދި ގެންނަގޮތަށް އޮތީ. މިއަހަރު ނިމުމަކާ ހަމާގައި އަދި މީގެ ދޭތި އަދި ގެންނާނަން،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ