މުދާތައް ވިއްކާލައިގެން ވެސް ގާސިމް ދައްކަން ޖެހޭ ފައިސާ ހޯދަން ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މުދާތައް ވިއްކާލާފައި ނަމަވެސް ދައުލަތަށް ހޯދަން ޖެހޭ ފައިސާތައް ހޯދުމަށް ވެރިކަން ކުރާ ޕީޕީއެމުން ގޮވާލައިފިއެވެ.
ޕީޕިއެމްގެ އޮފީހުގައި ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެހެން ގޮވާލެއްވީ އެޕާޓީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.
ފޮނަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެތައް ފައިސާއެއް ދައުލަތަށް ދައްކަން ޖެހޭ އިރު ރާއްޖެއިން ބޭރުގައި ހުރެގެން ގާސިމް އަދިވެސް މަސައްކަތް ކުރަނީ ސަރުކާރު ވައްޓާލެވޭތޯ ކަމަށެވެ. އަބްދުއްރަހީމް ވަނީ ދައުލަތަށް 190 މިލިއަން ޑޮލަރު ގާސިމް ދައްކަން ޖެހޭ ކަމަށާއި އެފައިސާ ނުދޭ އިރު ތިން ހަތަރު ރިސޯޓު ގާސިމުގެ އަތުގައި ބާއްވަން ނުޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑު ގާސިމަށް ގޮވާލަން މިހާރުން މިހާރަށް މިފައިސާ ދައްކަން. ސަރުކާރަށް ގޮވާލަން އަތުޖެހުނު ގޮތަކަށް މިފައިސާ އޭނާގެ މުދާ ވިއްކާފަ ނަމަވެސް މިފައިސާ ރައްޔިތުންނަށް ހޯދާ ދޭށޭ. މީ ކުރަން ޖެހޭ ކަމެއް އިނގޭތޯ. ތިން ހަތަރު ރިސޯޓު އޭނަ އަތުގަ ބާއްވާކަށް ނުޖެހޭ ރައްޔިތުންނަށް މިހާ ފައިސާ ދައްކަން އޮއްވާ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ގާސިމަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެއަށްވުރެ ބޮޑު ބަލާ މުސީބާތެއް ރާއްޖެއަށް އަދި ކުރިމަތިވެފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ