ރަޝިޔާގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެގައުމުން އަންގައިފި

ދިވެހިރައްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ ރަޝިޔާގެ ރައްޔިތުން މިދުވަސްވަރު ރާއްޖެއަށް ޒިޔާރަތް ނުކުރުމަށް ރަޝިޔާ ސަރުކާރުން އަންގައިފި އެވެ.
ރަޝިޔާ ސަރުކާރުގެ ފަރާތުން މިކަން އަންގާފައިވަނީ ސްރީލަންކާގައި ހުންނަ އެގައުމުގެ އެމްބަސީން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީއެއްގަ އެވެ.
ރަޝިޔާ އެމްބަސީން ބުނެފައިވަނީ މި ވަގުތަކީ ރާއްޖޭގައި ހަމަނުޖެހުން ހިންގަމުންދާ ދަނޑިވަޅެއް ކަމަށާއި، އެހެންކަމުން ފަތުރުވެރިންގެ ގޮތުގައި ރަޝިޔާގެ ރައްޔިތުން މިވަގުތު ރާއްޖެއަށް ނުދިއުމަށް އެދޭ ކަމަށެވެ.
ރާއްޖެއަށް ދަތުރުކުރުން މަނާ ކުރީ ރާއްޖޭގައި ހިންގަމުންދާ ސިޔާސީ ހަލަބޮލިކަން ބޮޑުވެފައިވާތީ ކަމަށާއި، ފަތުރުވެރިންނަށް މިކަމުގެ ސީދާ ބިރުވެރިކަން އޮތުމުގެ ސަބަބުން ނޫން ކަަމަށާއި، އެހެންނަމަވެސް އޭގެ ކުރިން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން ރަޝިޔާ މީހުން ރާއްޖެއަށް ނުދިއުމަށް އިލްތިމާސް ކުރީ ކަަމަށްވެސް އެމްބަސީން ބުނެ އެވެ.
ރާއްޖެއަކީ ރަޝިޔާގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެކެވެ. ޓްރެވެލް އެޖެންސީތަކުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 60،000 އަށް ވުރެ ގިނަ ރަޝިޔާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ރަޝިޔާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ބޮޑެތި ގައުމުތަކުން ވެސް ވަނީ އެގައުމު ތަކުގެ ރައްޔިތުން މިވަގުތު ރާއްޖެއަށް ދަތުރުނުކުރުމަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ