ގާސިމް ރިސޯޓް ހިންގަނީ ވެސް ނުހައްގުން ހޯދާފައިވާ ރަށްތަކުގައި: ނިހާން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަކީ ރައްޔިތުންގެ އެތައް މުދަލެއް ނުހައްގުން ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި އޭނާ ރިސޯޓް ވެސް ހިންގަނީ އެގޮތަށް ހޯދާފައިވާ ރަށްތަކުގައި ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
ރުމާލު 2 ޖަގަހާގައި "ގައުމަށްޓަކައި މަގޭ މޭ އައްޑަނަކަށް" ގެ ނަމުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ގާސިމަކީ ކޮންމެ ސަރުކާރެއްގައި ވެސް އަމިއްލަ އެދުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އެ މަސައްކަތަކީ 1993 އިން ފެށިގެން އޭނާ ކުޅުއްވާ ކުޅިއެއް ކަމަށާއި ސަރުކާރުން ގާސިމްގެ "ދޮލަނގަށް ބައި އަޅަން ޖެހޭ" ކަމަށެވެ.
"ކޮންމެ ވެރިއަކު ވެރިކަމަށް އަންނަން ގާތްވީމަ ގާސިމް އިބްރާހީމްގެ ދޮލަނގުތަކުން ކެއްކުން ފެއްޓޭނެ. އެއާ ވިދިގެން ހަމަ ނިމުމާއެކީ ވެރިކަމަށް ހޮވޭ މީހާ އަށް މީނަގެ ފުށުން ބިލް އަންނަން ފަށާނެ. އެ ބިލްތަކުގެ ތެރޭގައި ހިމެނޭނެ ފަޅުރަށްރަށާއި އެއްގަމާއި ވަޔާއި ކަނޑުގައި ހުންނަ ވިޔަފާރީގެ މުހިއްމު ކަންތައްތައް،" ނިހާން ވިދާޅުވި އެވެ.
"މިހާރު ވެސް ގާސިމްގެ ގިނަ ރިސޯޓްތަކަކީ މިގޮތަށް އެކި ދިމަދިމާލުން ބިލްޑް އަ ބެޓާ ޑިމޮކްރަސީގެ ނަމުގައި މީނަ ހިންގާފައިވާ ޖަރީމާތަކުން ހޯދާފައިވާ ރަށްތައް،" ރައީސް މައުމޫންގެ ވެރިކަމަށް އިޝާރާތްކުރައްވަމުން ނިހާން ވިދާޅުވި އެވެ.
އެގޮތުން ފަން އައިލެންޑާއި ޕެރެޑައިސް ފަދަ ތަންތަނަކީ ގާސިމް ރިސޯޓް ހިންގަން ބިޑްކޮށްގެން ހޯދި ރަށްތަކެއް ނޫންކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވިި އެވެ.
"ބިޑް ނުކޮށް ރަށްތައް ހޯދަން ހިންގި ޖަރީމާތަކުގެ ތެރެއިން އެންމެ ބޮޑެތި ނާޖާއީޒު ފައިދާތައް ނެގި އެކަކީ ގާސިމް،" އޭނާ ވިދާޅުވި އެވެ. "އެންމެ ކައިރިން މިއޮތް ޕެރެޑައިސްއަކީ ވެސް އޭނާގެ ރިސޯޓެއް ނޫން. އެއީ ވަރަށް ރައްޔިތު އަހައްމަދު ހެދިގެން އުޅުނު މީހަކަށް ރައީސް މައުމޫން ދެއްވި ރަށެއް އެއްވެސް މީހެއްގެ ކައިރީ އަހާ ނުލާ."
ގާސިމް، ރައީސް ޔާމީނާ އެކު: މި ވެރިކަން ގެންނަން ގާސިމް ވަރަށް މަސައްކަތް ކުރެއްވި.
ނިހާން ވިދާޅުވި ގޮތުގައި ފަން އައިލެންޑް ހިންގާ ބޮޑުފިނޮޅަކީ ފަލަސްތީން ރައްޔިތުންނަށް އެހީވާން ގުދުސް ފަންޑަށް އެހީވާން ރިސޯޓެއް ހަދަން ބަޔަކަށް ދިން ރަށެކެވެ. އެކަމަކު އެ ރަށް ހަދަން ހަވާލު ކުރި މީހުންނަށް އެކަން ނުވެގެން ގާސިމް އެ ރަށް ހޯއްދެވީ ރައީސް މައުމޫނަށް ގުޅުއްވައި އާދޭސްކޮށްގެން އެންމެ 5،000 ޑޮލަރަށް ކަމަށް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑު މި ދެންނެވި ވާހަކަތައް ދޮގު ނުކެރެވޭތީވެ މިހާ ސާފުކޮށް މި ވާހަކަ ކިޔަނީ،" އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި ގާސިމްގެ ކިބައިގައި ހުރި މިފަދަ އަމިއްލަ އެދުން ބޮޑު ކަންކަމާ ހެދި ދިވެހި ރައްޔިތުންނަށް ބޮޑު މުސީބާތަކަށްވެފައިވާ ކަމަށެވެ.
"ހަމަ ކޮންމެ ފަހަރަކު މި ދޮލަނގަށް އެއްޗެހި އަޅަން ހަދައިގެން ވެރިކަން ވައްޓަން އެބަ ޖެހޭ. ބަޣާވާތް ކުރަން އެބަ ޖެހޭ. ނޭވާ ރައްޔިތުންނަށް ލެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަޖިލިސް މެންބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ޖަލު ހުކުމެއް އައިސްފައިވާ ގާސިމް ރާއްޖެ ބަނޑަށް ޖެހޭނެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުން މާ ރަނގަޅެވެ. އަދި އެ ފައިސާ ލިބިއްޖެ ނަމަ، ރައްޔިތުންގެ ތަރައްގީ އަށް ކުރެވޭނެ އެތައް ކަމެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ