ސިނާނަށް ކުރި ދައުވާއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުތަކެއް ކުރެވޭ – ވަކީލުން

މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ އަމަލެއް ހިންގުމުގެ (ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ) ކުށުގެ ދައުވާގެ ސީޣާ އޮތް ގޮތުން ސިނާނުގެ މައްޗަށް ކުރާ ތުހުމަތުގެ އިތުރުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންގެ އިސްތަށިފުޅުގައި ތުހުމަތުތަކެއް އެޅޭކަމަށް ސިނާނުގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.
ސިނާނުގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވީ، މި މައްސަލައިގެ ސީޣާގައި "ގާނޫނު އަސާސީއިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރުވައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެއްވައިފައިވާކަމަށް" ބުނެފައިވާތީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވި 3 ފަނޑިޔާރުންގެ އިސްތަށި ފުޅުގައި ތުހުމަތުތަކެއް އެޅޭކަމަށެވެ.
ވަކީލުން ފާހަގަ ކުރެއްވީ، ނިރުބަވެރިކަމުގެ އަމަލެއް ހިންގުމުގެ ތުހުމަތުގައި ސިނާނު ހައްޔަރު ކޮށްފައިވަނީ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހު ކަމަށްވީއިރު، 2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރު އަމުރަށްފަހު އެ އަމުރުގައި ބުނާ މެންބަރުންގެ ގޮނޑި އިއާދަކުރުމަށް ބުނާ ބަޔަށް އަމަލުކުރުން ފަސް ކުރުމަށް އެ ކޯޓުން އަމުރެއް ނެރެފައިވަނީ 2018 ފެބުރުވަރީ 18 ވަނަ ދުވަހު ކަމަށްވާއިރު، ދައުލަތުން ދައުވާގެ ސީޣާގައި ބުނެފައިވާގޮތުން ތުހުމަތު ކުރުމުގެ ޖާގަ އޮންނަ ކަމަށާއި، ފަނޑިޔާރުންގެ ޤާނޫނުގެ 9 ވަނަ މާއްދާ (ފަނޑިޔާރަކު ނިންމި ނިންމުމާމެދު ޖަވާބުދާރީ ނުކުރުވުން) އާއި ފުށުއަރާތީވެ، މި ދައުވާ މިގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މި މައްސަލަ ތަކުރާރުކޮށް ސިނާނުގެ ޤާނޫނީ ވަކީލު ނޫރުއްސަލާމް ފާޙަގަ ކުރެއްވި ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ހައިލަމް ވިދާޅުވީ، މި މައްސަލައިގެ ސީޣާގައި އޮތް ގޮތުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތެއް ނުކުރެވޭނެ ކަމަށެވެ.
މި މައްސަލައިގެ ދައުވާ އިއްވުމުން މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ސިނާނުގެ ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ. އެގޮތުން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތަކަށް ބުރޫއަރާގޮތަށް، ދައުލަތާއި ޤައުމީ ސަލާމަތާއި ރައްޔިތުންނަށް ނުރައްކާ ވާގޮތަށް ރިޝްވަތު ދީގެން ހުކުމެއް ކުރުވާފައިވާކަމަށް ދައުވާގައި ބުނާއިރު، އެ ހުކުމުން ސިނާނު އަށް މަންފާއެއް ކުރޭތޯ އަދި ލިބެނީ ކޮން މަންފާއެއްތޯ ސުވާލު ކުރިއެވެ. ދައުލަތުގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒުނާ ޕްރެޒެންޓޭޝަނެއްގެ އެހީގައި ވަރަށް ތަފްސީލީ ޖަވާބެއް ދެއްވިއެވެ. އެގޮތުން އެ ހުކުމުން ގެއްލިފައިވާ ސިނާނުގެ މެންބަރުކަމުގެ ގޮނޑު ލިބިފައިވާ ކަމަށާއި، ދައުލަތުން ސިނާނު ރިޝްވަތު ދިންކަމަށް ނުބުނާ ކަމަށާއި ބުނަނީ ރިޝްވަތު ހިފާފައިވާކަމަށްވެސް ފަޒުވާ ވިދާޅުވިއެވެ.
ދިގު ޕްރެޒެންޓޭޝަނަކުން ދައުލަތުން ގިނަ ކަންތައްތަކެއް ސާފުކޮށްދިން ނަމަވެސް ސިނާނުގެ ވަކީލުން އިތުރު ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ. ނަމަވެސް ގާޒީ ހައިލަމް ވަނީ އެ ސުވާލުތަކަށް ދައުލަތުގެ ޕްރެޒެންޓޭޝަނުގެ އަލީގައި ޖަވާބު ދެއްވާފައެވެ. ސިނާނުގެ ވަކީލުން ދައުވާ ސާފުކުރަން ކުރި ސުވާލުތަކަށް ގާޒީ ޖަވާބު ދެއްވުމުން ސިނާނު ވަނީ މައްސަލަ ސާފު ވެއްޖެކަމާއި، ނަމަވެސް ދައުވާއަށް އިންކާރު ކުރައްވާކަމަށް ވިދާޅުވެފައެވެ.
މި މައްސަލަ ސިނާނުގެ މައްޗަށް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއިރު، މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ 32 ހެއްކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި 16 ސިއްރު ހެކިވެރިޔެއްގެ ހެކިބަހާއި، 4 ސިއްރު ކިތާބީ ހެކީގެ އިތުރުން 6 ފުލުހުންގެ ހެކިބަސްވެސް ހިމެނެއެވެ.
ދިފާއުގައި ހެކި ހުށަހަޅާން ސިނާނަށް އިތުރު ފުރުޞަތެއް ގާޒީ ދެއްވާފައިވާއިރު، މި މައްސަލައިގެ މިއަދު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ސިނާނުގެ ދިފާއީ ވަކީލު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ 32 ހެކި އެ ހުށަހަޅާފައިވާގޮތަށް ނަގައި، އެ ހެކިން ދައުލަތުން ސާބިތު ކުރަން ބޭނުންވާކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަންކަން ސާބިތުވި ނަމަވެސް، ނިރުބަވެރިކަމުގެ އަމަލެއް ހިންގުމުގެ ކުށް ސިނާނުގެ މައްޗަށް ސާޞިތު ނުވާނެކަމަށެވެ.
މި މައްސަލާގައި އަބްދުﷲ ސިނާނުގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫނާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފުގެ މައްޗަށްވެސް ނިރުބަވެރިކަމުގެ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ