މެމްބަރު ނިޒާރު މާރާމާރީ ހިންގި ކަމަށް ބުނެ، ތިން މަސްފަހުން ތަހުގީގު ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ސިފައިނާ މާރާމާރީ ހިންގި ކަމަށް ބުނެ، ތިން މަސް ފަހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް، ތަހުގީގު ހިންގައިފި އެވެ.
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ސިފައިންނާ މަރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ނިޒާރު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފައި މިވަނީ ބުދަ ދުވަހު އެވެ. ފުލުސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ ސިފައިންނާ މާރާމާރީ ހިންގުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި މިހާ ދުވަހު ފުލުހުންގެ އިދާރާއިން އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެއްވެސް ސުވާލެއް ނުކޮށް، އޭގެ ތިން މަސްދުވަސް ފަހުން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރުމުން މިކަމުގައި ސިޔާސީ ކަންތައްގަނޑެއް އެކުލެވިގެންވާ ކަމަށް ބެލެވޭ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އަދާކުރަމުންދަނީ މެމްބަރުކަމުގެ ޒިންމާ ކަމަށާއި މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އޮންނާނީ މަޖިލީހުގެ މެމްބަރުންގެ ޒިންމާ އާއި ވާޖިބު ކަމަށެވެ. އަދި މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ފިޔަވައި ސިފައިން މަޖިލީހުގައި އަދާކުރަންޖެހޭ ވާޖިބެއް ނޯންނާނެ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ސިފައިންނާ މާރާމާރީ ހިންގި ކަމަށް ބުނެ އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަމުން ދަނީ، މަޖިލީހަށް ހުށަހަޅާ ބަޖެޓާ ދިމާކޮށް ކަމަށެވެ. އަދި އެއީ މަޖިލިސް މެމްބަރުންނަށް ސަރުކާރުން ކުރަމުންދާ ޖެއްސުމާއި، މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މިސަރުކާރުން ދައްކާ ބިރަށް ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން،ގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދާ ނަމަ ކުރިއަށް އޮތްތާނގައި ވެސް އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި އިހުތިޖާޖު ކުރަމުން ގެންދާނެ ކަމަށެވެ. 
ރައްޔިތުންގެ މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ފަހުން، އިދިކޮޅު މެމްބަރުން ގެންދަނީ މަޖިލީހުގެ ރައީސަކީ މަސީހު ނޫން ކަމަށް ބުނަމުންނެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމެއް ނެތި، އަދި ޖަލްސާތަކުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ބާއްވާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށާއި އެފަދަ ޖަލްސާތަކުން ނިންމާ ނިންމުންތައް ބާތިލްވާނެ ކަމަށް ވެސް އެ މެންބަރުން ގެންދަނީ ބުނަމުންނެވެ. 
ޖުލައި 31 ވަނަ ދުވަހު މަޖިލީހުގެ ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ސިފައިނާ މާރާމާރީ ހިންގި ކަމަށް ބުނެ މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުންގެ މައްޗަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުންދާއިރު، ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލައާ ގުޅިގެން އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް ޝަރީއަތް ދަނީ ޝަރީއަތް ކުރަމުންނެވެ. 
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ