އެއްވެސް އިރަކު ކުށެއް ނުކުރަން، ކުރަނީ ސިޔާސީ ދައުވާއެއް: މައުމޫން

އެއްވެެސް އިރަކު ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި މިހާރު އުފުލާފައިވާ ދައުވާއަކީ ސިޔާސީ ބޭނުމެއްގައި ކުރާ ދައުވާއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންގެ ދަށުން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ މައުމޫން އެގޮތަށް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގަ އެވެ. އެ މައްސަލާގައި މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ވެސް ދައުވާ ކުރެ އެވެ.
އެ ތިން ބޭފުޅުންނަށް އެ ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލިސް މެމްބަރުންތަކަކަށާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވަކި ގޮތަކަށް ހުކުމްތައް ކުރުވަން މަސައްކަތް ކުރި މައްސަލައާ ގުޅިގެން އެ ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން ފުލުހުން އެންގުމުން ފޯނު ދީފައި ނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެދީފައި ނުވާތީ އެވެ.
ދައުވާއާ މެދު މައުމޫންގެ ވަކީލުން ފާހަގަކުރެއްވި އިޖްރާއީ މައްސަލަތަކާ މެދު ދެ ފަރާތުން ވާހަކަ ދައްކަވައި ނިމުމުން ދައުވާ ސާފުވޭތޯ އާއި ދައުވާއާ މެދު ވިދާޅުވަނީ ކީކޭތޯ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވުމުން ދައުވާއަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން މައުމޫން ވިދާޅުވީ އެއްވެސް އިރަކު ކުށެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި މިހާރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ މަގްސަދެއްގައި، އެމަނިކުފާނަށް އޮތް އިހްތިޔާރާއި ގަދަރު ނެތިކޮށްލުމަށްޓަކައި ކުރާ ދައުވާތަކެއް ކަމަށެވެ. އެގޮތަށް ވިދާޅުވެ، އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެހެންވީމަ މުތުލަގަށް، އަޅުގަނޑު މި ދައުވާއަށް އިންކާރު ކުރަން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ޖަވާބުދާރީވެ ވަޑައިގަތުމުގެ ކުރިން މައުމޫންގެ ވަކީލުން އެ ދައުވާއާ މެދު ހުރި އިޖްރާއީ ކަންކަން ފާހަގަކޮށް، ބައެއް ސުވާލުތައް ދައުލަތާ ކުރިމަތިކޮށްފަ އެވެ. އެގޮތުން ފޯނު ދޭން އެންގީ ކޮން ތުހުމަތެއްގެ މައްޗަށް ބިނާކޮށްތޯ ވަކީލުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ ތުހުމަތު ބިނާކުރީ މީހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ކަމަށާއި އެކަން ސާބިތުކުރަން ހެކި ހުށަހަޅާފައިވާނެ ކަމަށެވެ. އެހެން ދައުލަތުން ބުނުމުން މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތެއްގައި މައުމޫނާ ސުވާލު ކޮށްފައި ނެތް ކަމަށާއި އެހެންވީއިރު، ދައުވާގައި މައުމޫން ފަނޑިޔާރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތު ކުރެވޭ ވާހަކަ އޮތް ސަބަބާ މެދު ވަކީލް މައުމޫން ސުވާލު ކުރެއްވި އެވެ.
ރައްދުގައި ދައުލަތުން ބުނީ އެ ތުހުމަތު ވެސް މައުމޫންގެ މައްޗަށް އޮތް ކަމަށާއި އަދި ވަކި ތުހުމަތެއް ކުރިން ކުރެވިފައި އޮތަސް، ފަހުން ދައުވާ އުފުލާ މަރުހަލާގައި ލިބިފައިވާ ހެކިތަކަށް ބަލައި އެހެން ތުހުމަތެއްގެ ދައުވާ ވެސް އުފުލުމަކީ ހިނގާފާނެ ކަމެއް ކަމަށެވެ.
މައުމޫނާ ދެކޮޅަށް ދައުލަތުން ވަނީ ސިއްރު ހެއްކަކާއި ދެ ފުލުހަކު ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ސިއްރު ދެ ހެއްކަކާއި ދެ ފުލުހެއްގެ އިތުރުން އެމަނިކުފާނު ތަހުގީގަށް ދިން ބަޔާން ވަނީ ހުށަހެޅިއިރު، ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ހުށަހެޅީ ސިއްރު ހެއްކަކާއި ދެ ފުލުހެއްގެ އިތުރުން އަލީ ހަމީދު ތަހުގީގަށް ދިން ބަޔާނެވެ.
ގާޒީ އާރިފަށް މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ ނުކުތާއެއް
މިއަދުގެ އަޑުއެހުމުގައި މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން ވަނީ އިޖްރާއީ ނުކުތާއެއް ނަންގަވައި، އެ މައްސަލަ މިހާރު ބައްލަވާ ގާޒީ އާރިފަށް އެ މައްސަލަ ނުބެއްލެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ގާޒީ އާރިފަށް އެ މައްސަލަ ނުބެއްލެވޭނެ ކަމަށް ވިދާޅުވެ ވަކީލުން އެކަން ގުޅުވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކޮށްފައިވާ އެހެން މައްސަލައަކަށެވެ.
ވަކީލުން ހަވާލާދޭ އެ މައްސަލައަކީ އެހެން ފަނޑިޔާރުންތަކަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައި އެ ދެ ފަނޑިޔާރުންނަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ. އެ މައްސަލާގައި އެ ދެ ފަނޑިޔާރުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ގާޒީ އާރިފް ނެރުއްވި ދެ އަމުރެއް އެބައޮތް ކަމަށާއި އެހެންވުމުން މި މައްސަލަ ވެސް ގާޒީ އާރިފަށް ނުބެއްލެވޭނެ ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލާގައި ސިއްރު ހެކިންގެ ގޮތުގައި ވެސް ދެ މީހަކު ދައުލަތުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ހުރިކަން ނުވަތަ ނެތްކަން ވެސް ނޭނގޭއިރު، މި މައްސަލަ ބެލުމުގައި ގާޒީ އާރިފަށް ބައިވެރި ނުވެވޭނެ ކަމަށް ދިފާއީ ވަކީލުން ބުންޏެވެ. އެކަމަކު ދައުލަތުން ބުނިގޮތުގައި އެ މައްސަލާގައި ސިއްރު ހެކިވެރިއެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ނަން ހުށަހަޅާފައެއް ނުވާނެ އެވެ.
ފަނޑިޔާރަކު ހެކިވެރިއެއްގެ ގޮތުގައި ހިމެނޭ މައްސަލައެއް އެ ފަނޑިޔާރަކަށް ނުބެލޭނެ ކަމަށް ހައި ކޯޓުން ކުރިން ވެސް ނިންމާފައިވާ ކަން ފާހަގަ ކުރައްވައި، ގާޒީ އާރިފް އެ މައްސަލަ ބެއްލެވޭނެ ކަމާ މެދު ގޮތެއް ނިންމަން ވަކީލުން ގާޒީގެ ކިބައިން އެދިވަޑައިގަތެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ގާޒީ އާރިފް ނިންމެވީ އެ މައްސަލަ ބެއްލެވުމުގައި އޭނާ އިންނެވުމުގައި މަސްލަހަތު ފުށުއަރާ ކަމެއް ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ދައުވާކުރާ އަނެއް މައްސަލަ އާއި މި މައްސަލައާ ވަރަށް ތަފާތު ކަމަށެވެ.
ހަތަރު ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުމުގައި މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު ވެސް ވަނީ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ. ފަނޑިޔާރު އަލީ ހަމީދުގެ ބައި ކުރިއަށް ނުގެންދެވެނީސް، މައުމޫންގެ ފަރާތްޕުޅުން ވަކީލުން އެދިވަޑައިގަތީ މިއަދު އިތުރަށް އަޑުއެހުން ކުރިއަށް ނުގެންގޮސް، އެހެން ދުވަހަށް ފަސްކޮށް ދެއްވުމަށެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ވިދާޅުވީ އުމުރުފުޅުން 80 އަހަރުގެ މައުމޫން އެހާ ގިނައިރު ވަންދެން ޝަރީއަތުގައި އިންނަވަން ދަތިފުޅުވުމެވެ.
އެހެންވެ، ގާޒީ ވެސް ނިންމެވީ މިއަދު އިތުރަށް އަޑުއެހުން ކުރިއަށް ނުގެންދިއުމަށެވެ. މާދަމާ އިތުރު އަޑުއެހުމެއް ބާއްވާން ގާޒީ ނިންމެވުމުން މައުމޫނާއި ދެ ފަނޑިޔާރުންގެ ވަކީލުން ވެސް އެދިވަޑައިގަތީ މާދަމާ ނޫން އެހެން ދުވަހަކު އަޑުއެހުން ބޭއްވުމަށެވެ.
ސަބަބެއްގެ ގޮތުގައި ވަކީލުން ވިދާޅުވީ އެ ބޭފުޅުންނަށް ދައުވާކުރާ މައްސަލަތަކާ ގުޅޭ އަޑުއެހުންތައް ކޮންމެ ދުވަހަކު ހެން ކުރިއަށް ގެންދާތީ ވަކީލުންނާ ބައްދަލުކޮށް، މަޝްވަރާ ކުރަން ވަގުތު ނުލިބުމެވެ. އެކަމަކު ގާޒީ ނިންމެވީ ފުރަތަމަ ވެސް ނިންމެވި ގޮތަށް މާދަމާ އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ