އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫންކަމަށް މައުލޫމާތު ލިބިއްޖެ

ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ހައްޔަރު ކޮށްފައިހުރި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދުގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫންކަމަށް މައުލޫމާތު ލިބެމުން އެބަދެއެވެ.
އެތެރެހަށީގެ ޑޮކްޓަރަކަށް އުއްތަމަ ފަނޑިޔާރު ދެއްކުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދާކަމަށްވެސް މައުލޫމާތު ލިބެއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ދިމާވެގެން އުޅެނީ ސިއްހީ ކޮން މައްސަލައެއް ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ. އަދި އެމަނިކުފާނު ގެންނަން އުޅެނީ ކޮން ހޮސްޕިޓަލަކަށް ކޮން އިރަކު ކަމެއްވެސް އެނގޭގޮތެއް ނުވެއެވެ.
ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކޮށްފައިވަނީ، މި ފެބްރުއަރީމަހުގެ 6 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
އޭގެ ދެދުވަސްފަހުން އުއްތަމަ ފަނޑިޔާރު އާބްދުﷲ ސައީދުއާ ބައްދަލު ކުރެއްވުމަށްފަހު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 5 ފެބުރުއަރީ 2018 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު 6 ފެބުރުއަރީ 2018 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ރަޔަޓު ގިޔަރުގައިތިބި ދިވެހި ސިފައިނާއި ފުލުހުން، ނަހަމަގޮތުގައި ބާރުގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަނީ އެއްވެސް ހުއްދައަކާ ނުލައި ކަމަށެވެ.
ސިފައިންނާއި ފުލުހުންގެ ބަޔަކު ސުޕްރީމް ކޯޓަށް ވަދެގަތީ އެތަނުގެ ދޮރުތައް ހަލާކޮށްލައިގެން ކަމަށާއި، އަދި އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައިވަނީ އެމަނިކުފާނުގެ ހަށިކޮޅަށް އަތްލައި، ބިން މައްޗަށް ވައްޓާލައި، ބިންމަތީގައި ދަމާ ކޫއްތައިގެން ގެންގޮސް ކަމަށްވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުންނާއި ސިފައިންގެ ބަޔަކު ބާރުގެ ބޭނުންކޮށްގެން އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ގާނޫނުއަސާސީ އާއި ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ އިމުގެ ތެރެއިން ދައުލަތުގެ އަދުލުއިންސާފް ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކާ ކަނޑައެޅިގެން ހިލާފުވާ ގޮތަށް އަދި ގާނޫނީ އިޖުރާތުގެ ބޭރުން ކަމަށްވެސް ވަކީލުންގެ އެބަޔާނުގައި ބުނެފައި ވެއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ހާލުކޮޅު ރަނގަޅު ނޫންކަމުގެ ޚަބަރުތައް ލިބެމުންދާއިރު، ސުޕްރީމް ކޯޓުގައި ހުންނަވަނިކޮށް ސަލާމަތީ ބާރުތަކުން ހައްޔަރުކުރި ފަނޑިޔާރު އަލީ ހަމީދު މުހަންމަދުގެ ހާލުވެސް ސީރިއަސްވެ މިހާރުވެސް ގެންދަނީ އައި.ޖީ.އެމް.އެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނުގެ ސިއްހީ ހާލަތާ ބެހޭގޮތުން ސަލާމަތީ ބާރުތަކުންވެސް އަދި އައި.ޖީ.އެމް.އެޗުންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ