ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހުރަސް އަޅައި އެމަނިކުފާނުގެ ކެންޑިޑެސީ ގަބޫލު ނުކޮށްފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ނަޝީދުގެ ކެމްޕެއިން މެނޭޖަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
"ޖަޒީރާ ރައީސް"ގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލާގައި މިހާރުވެސް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ވަރަށް ސާފު ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.
އަސްލަމު ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމުރު ގަބޫލު ކުރާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް ރައީސް ނަޝީދަށް ވާދަ ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ޕްރައިމަރީތަކާ ގުޅޭ ގޮތުން މިހާތަނަށް އީސީއިން ނެރެފައިވާ ބަޔާންތަކުގައި ރައީސް ނަޝީދާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނެތް. އަދި އެމަނިކުފާނަށް ކުރިމަތި ނުލެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައެއް ނުވޭ " އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ބަޔާންތަކުގައި ހުރީ ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ ވާހަކަދައްކާފައި ކަމަށާއި ނަމަވެސް އިންތިހާބެއްގައި ވާދަ ކުރުމުގެ ހުރިހާ ޝަރުތެއް ރައީސް ނަޝީދުގެ ފުރިހަމަވާ ކަމަށެވެ.
" ކެންޑިޑެންސީގެ ޝަރުތު ހަމަ ނުވާ ކަމަށް ގަބޫލު ކުރެވޭނަމަ އަމަލު ކުރަން ޖެހޭ ގޮތްތައް އިންތިހާބުތަކާ ބެހޭ ގާނޫނާއި އިލެކްޝަން ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވޭ " އަސްލަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ މީހެއްގައި ހުންނާންވީ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވާން ޖެހޭނެ ކަމަށެވެ.
ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކު ނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރު ފަހުންނެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ހިލާފަށް ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ނަޝީދުގެ ކެންޑިޑެންސީ ގަބޫލު ނުކޮށްފިނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ