އިސްރާއީލާ ދެކޮޅު މުޒާހަރާ އިތުރަށް ވަރުގަދަކޮށް ޖައްސަން ޣައްޒާގެ ރައްޔިތުން ތައްޔާރުވަނީ

އިސްރާއީލާ ދެކޮޅަށް މުޒާހަރާ އިތުރަށް ވަރުގަދަކޮށް ޖެއްސުމަށްޓަކައި ޣައްޒާގެ ރައްޔިތުން ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ޖަހާފައިވާ ފޭލިގެ ސަރަހައްދަށް ޖަމާވާން ފަށައިފިއެވެ.
އިއްޔެގެ ހުކުރު ނަމާދަށްފަހު އެ ސަރަހައްދުގައި އިސްރާއީލާ ދެކޮޅަށް ޣައްޒާގެ އެތައްހާސް ރައްޔިތުން ފެށި މުޒާހަރާ ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރު އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގި ހަނގުރާމައިގެ ފަހުން ޣައްޒާ މިހާތަނަށް ދުށް އެންމެ ލޭއޮހޮރުވުންބޮޑު ދުވަހަށެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން އިއްޔެ ދިން ހަމަލާތަކުގައި ފަލަސްތީނުގެ 16 މީހުން ޝަހީދުވެ، 1،400 މީހުން ޒަޚަމްވެފައި ވެއެވެ.
އިއްޔެގެ މުޒާހަރާގައި ޣައްޒާގެ އެތައްހާސްބަޔަކު ބައިވެރިވިއިރު، އިސްރާއީލުން ލަފާކޮށްފައިވަނީ 30،000 މީހުން ޖަމާވި ކަމަށެވެ.
އިއްޔެގެ މުޒާހަރާގެ ތެރޭގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖަނާޒާގައިވެސް އެތައްހާސް ބަޔަކު ބައިވެރިވިއެވެ. ފަލަސްތީނުގެ ގައުމީ ދިދަ ހިފައިގެން ޖަނާޒާގައި ބައިވެރިވި މީހުން ގޮވަމުންދިޔައީ "ބަދަލުހިފުމަށެވެ".
އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޣައްޒާގެ އިތުރުން، ހުޅަނގު އައްސޭރީގައިވެސް މިއަދު އަޑުއުފުލައި ނުރުހުން ފާޅުކޮށްފައި ވެއެވެ.
އެކަމަކު، މުޒާހަރާގެ ތެރެއަށް ސިފައިން ބަޑިޖަހައި، ބާރުގެ ބޭނުންކުރި ކުރުން އިސްރާއީލުންވަނީ ދިފާއުކޮށްފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ސިފައިން ބަޑިޖަހާފައިވަނީ ސިފައިންނާ ދިމާއަށް އޮށްގާއުކައި، އަލިފާން ބޮން އުކައި އަދި ޓައިރުގައި އަލިފާން ރޯކޮށް ސިފައިންނާ ދިމާއަށް ފޮނުވަމުންދިޔަ މީހުންނާ ދިމާއަށް ކަމަށެވެ.
އަދި މުޒާހަރާގެ ބައެއްމީހުން، ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ޖަހާފައިވާ ފެންސް ހަލާކުކޮށްލަންވެސް މަސައްކަތް ކުރަމުންދިޔަ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ. އަދި ފެންސް ކައިރިން އިސްރާއީލު ސިފައިންނާ ދިމާއަށް ބަޑިވެސް ޖަހާފައިވާ ކަމަށް ބުނެފައި ވެއެވެ.
އެހެން ނަމަވެސް، އިސްރާއީލާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަން އިއްޔެ ނުކުތް އާންމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން އަނިޔާވެރިކަން އިސްކޮށް، އާދަޔާޚިލާފް ބާރުގެ ބޭނުންކޮށްފައިވާތީ ފަލަސްތީނުންވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
އަދި މުޒާހަރާ ކުރަމުންދިޔަ އާންމުންނާ ދެކޮޅަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އަސްލު ވަޒަން ބޭނުންކޮށްގެން ހަމަލާދީފައިވާ މައްސަލާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުންވެސް ގެންދަނީ ސުވާލު ކުރަމުންނެވެ.
މުޒާހަރާގެ ތެރެއަށް ބަޑިޖެހި މައްސަލައިގެ މިނިވަން އަދި އެތެރެ ފެންނަ ތަހްގީގެއް ހިންގުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވެސް ވަނީ ގޮވާލައްވާފައެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިންގެ ހަމަލާތަކުގައި 16 މީހުން ޝަހީދުވެ 1،400 މީހުން ޒަޚަމްވިއިރު، ޒަޚަމްވި މީހުންގެ ތެރެއިން 758 މީހުން ޒަޚަމްވެފައިވަނީ އަސްލު ވަޒަން ގަޔަށް އަރައިގެންނެވެ. ދެން ޒަޚަމްވެފައިވާ މީހުންނަކީ ރަބަރު ވަޒަނާއި، ކަރުގޭހުގެ ސަބަބުން ޒަޚަމްވެފައިވާ މީހުން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްރާއީލުން އިއްޔެ ހިންގި އަނިޔާވެރިކަމާހެދި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ މިއަދަކީ ފަލަސްތީނުގައި ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އިޢްލާން ކުރައްވާފައެވެ. އިއްޔެގެ ލޭއޮހޮރުވުންތަކުގެ ފުރިހަމަ ޒިންމާ އިސްރާއީލުން އުފުލަން ޖެހޭނޭ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
ޣައްޒާ-އިސްރާއީލު ގުޅޭ ސަރަހައްދީ އިމުގައި އިއްޔެ ފެށި މުޒާހަރާތަކަކީ ހަހަފްތާއަށް ދެމިގެންދާ ގޮތަށް ރާވައިގެން ކުރިއަށްގެންދާ މުޒާހަރާއެކެވެ. ޣައްޒާގެ އާންމުން އަމިއްލައަށް ރާވައިގެން ބާއްވާ މި މުޒާހަރާއަށް ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ތާއީދުވެސް ލިބިފައި ވެއެވެ.
އެކަމަކު، އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު މިއަދު ބުނީ، މިއީ މުޒާހަރާއެއް ނޫން ކަމަށާއި، މިއީ ރާވައިގެން ހިންގާ ޓެރަރިސްޓް ހަރަކާތެއް ކަމަށެވެ. މިކަމުގެ ފަހަތުގައި އޮތީ ހަމާސް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އަދި މުޒާހަރާ ހުއްޓާނުލައިފިނަމަ އަސްކަރީ ފިޔަވަޅު އަޅާނޭ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.
ހަ ހަފްތާއަށް ދެމިގެންދާ ގޮތަށް ބާއްވާ މުޒާހަރާ ފެށި ދުވަސް ދިމާވީ ފަލަސްތީނުގައި "ބިމުގެ ދުވަސް" ގެ ގޮތުގައި ފާހަގަކުރާ ދުވާހާއެވެ. އެއީ، ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފައްދައި، އެބިމުން ބޭރުކޮށްލެއްވުނު ފަލަސްތީނު އެތައްހާސް ރައްޔިތުންގެ ހައްގުގައި ފަލަސްތީނުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެކެވެ.
އިސްރާއީލުގައި ހުންނަ އެމެރިކާ އެމްބަސީ މެއިމަހު ގުދުސްއަށް ބަދަލުކުރަން އުޅޭތީ، އެހާތަނާ ޖެހެންދެން މުޒާހަރާ ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. ގުދުސްގައި ހަދާ އެމެރިކާ އެމްބަސީ ހުޅުވަން ތާވަލް ކޮށްފައިވަނީ މެއިމަހުގެ 14 އެހާ ހިސާބުގައި ކަމަށް ވެއެވެ.
ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިއުނު ދައުލަތް އުފެއްދިތާ، މެއި 14 އަށް 70 އަހަރު ފުރޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ