ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ހުއްދަ ދިނީ ހާއްސަ އިނާޔަތުގެ ދަށުން: އުމަރު

ޖަލުގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށްޓަކައި އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދިނީ، ކުރީގެ ރައީސުންނަށް ލިބިދޭ ހާއްސަ އިނާޔަތުގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. "ހަވީރު"ން ދެންނެވި ސުވާލަކާ ގުޅިގެން އުމަރު ވިދާޅުވީ ކުރީގެ ރައީސުންނަކީ ހާއްސަ އިނާޔަތްތަކެއް ލިބިދީފައިވާ ބޭފުޅުންތަކެއް ކަމަށާއި އެފަދަ ބޭފުޅުންގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވޭނެ ކަމަށް ވިދާޅުވެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ގާނޫނީ ލަފާ ދެއްވާފައިވާ ކަމަށެވެ. ބަންޑާރަ ނައިބު އަނިލް ވާހަކަ ދައްކަވަނީ: ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަންނަވަން ހުއްދަ ދެއްވީ ބަންޑާރަ ނައިބުގެ ލަފައާ އެއްގޮތަށް ކަމަށް އުމަރު މިރޭ ވިދާޅުވި..--ހަވީރު ފޮޓޯ:ހުސެއިން ޝަޔާހު "އެހެންވީމާ އެ ލަފައަށް ބުރަވެ ސަރުކާރުން އެ ހުއްދަ ދިނީ. ސަބަބަކީ މިއީ އޭނާ [ނަޝީދު] ކުރެއްވި ކުށަކާ ގުޅޭ ކަމެއް ނޫން. މިއީ އޭނާގެ ބޭސްފަރުވާއާ ގުޅޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. "ކުރީގެ މިނިސްޓަރުކަން ކުރެއްވި ނާޒިމް ވެސް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވި ދެ ފަހަރެއްގެ މަތިން. އެ އުސޫލުން ބަލާއިރު ވެސް ނަޝީދަކީ ކުރީގެ ރައީސަަކަށް ވީމާ ހާއްސަ އިނާޔަތްތަކެއް ލިބިދޭ ކަމަށް އެޓާނީ ޖެނެރަލް ލަފާ ދެއްވާފައި ވަނީ." އުމަރު ވިދާޅުވި ގޮތުގައި އޭޖީގެ ލަފައާ ގުޅިގެން، ނަޝީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށްޓަކައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އޮންނަ މެޑިކަލް ބޯޑުގެ ހުއްދަ ވެސް ނުހޯދަ އެވެ. ކަރެކްޝަނަލް ސާވިސްގެ އޮފިޝަލުންގެ ބެލުމުގެ ދަށުން ނަޝީދު މާފުއްޓަށް ވަޑައިގަންނަވަން ލޯންޗަށް އަރާވަޑައިގަންނަވަނީ. އެމަނިކުފާނު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ވަނީ މިއަދު ދީފައި.---ހަވީރު ފައިލް ފޮޓޯ "އޭޖީގެ ލަފާ އައުމާ ގުޅިގެން ބޯޑުގެ ހުއްދައެއް ބޭނުމެއް ނުވޭ،" އުމަރު ވިދާޅުވި އެވެ. ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދީފި ކަމަށް، ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ހާމަކުރި ނަމަވެސް، ކަރެކްޝަނަލް ސާވިސް އިން މިހާތަނަށް ބުނަމުން އައީ ގަވައިދުގައިވާ ގޮތުން އެ ހުއްދަ ދެވެން ނެތް ކަމަށެވެ. ކޮމިޝަނަ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވެފައި ވަނީ ހުކުމް ތަންފީޒުކުރާ ކުށްވެރިއަކު ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވަން ޖެހެނީ، ގައިދީންގެ ބޭސްފަރުވާއާ ގުޅޭ ގަވާއިދުގައިވާ ގޮތުން، ރާއްޖެ އިން ދެވެން ނެތް ފަރުވާތަކަށް އެކަނި ކަމަށެވެ. އެކަމަކު ނަޝީދަށް ދޭން ޖެހޭ ފަރުވާ އޭޑީކޭ ހޮސްޕިޓަލުން ދެ ގޮތަކަށް ދެވެން އޮތް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ހުޝާމް ކުރިން ވިދާޅުވެފައިވެ އެވެ. އުމަރު މިއަދު ވިދާޅުވީ ނަޝީދުގެ ސާޖަރީ ރާއްޖޭގައި ހެދޭނެ ކަމަށާއި އެކަމަކު އެމަނިކުފާނަކީ ކުރީގެ ރައީސަކަށް ވެފައި، ބޭސްފަރުވާއަކަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގެންފި ނަމަ ހުއްދަ ދޭން މިހާރު މަޖުބޫރުވީ ކަމަށެވެ. އެއީ ބަންޑާރަ ނައިބުގެ ލަފާ އައުމުންނެވެ. ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނަކަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދިނީ އެމަނިކުފާނު އެގޮތަށް އެދިވަޑައިގެންފައިވާތީ އެވެ. އުމަރު ކުރިން ވިދާޅުވެފައި ވަނީ އެލް4-5 މައިކްރޯޑިސްކެކްޓޮމީ ޕްރޮސީޖާއެއް ހެދުމަށް ޑޮކްޓަރުން ނަޝީދަށް ލަފާ ދެއްވާފައި ކަމަށެވެ. އަދި އެއީ ރާއްޖެ އިން ދެވޭ ފަރުވާއެއް ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. މައިކްރޯޑިސްކެކްޓޮމީ އަކީ މައިބަދައިގެ، ގެއްލުންވެފައިވާ ބަދައެއްގެ ސަބަބުން ނާރެއް ނުވަތަ ބަދައެއް ފިތި ރިހުމާ އެކު، އަތާއި ފައިގެ ވާގި ދޫވެ އައްސިވުމަށް މެދުވެރިވާ ސަބަބެކެވެ. އުމަރު ވިދާޅުވީ ނަޝީދު އިނގިރޭސި ވިލާތުގައި ބޭސްފަރުވާ އަށް ހުންނަވާނެ މުއްދަތެއް އަދި ސަރުކާރުން ކަނޑަނާޅުއްވާ ކަމަށެވެ. "އެއީ ނަޝީދުގެ ސާޖަރީ ހަދާ ގޮތެއް އަދި އާއިލާ އިން ވެސް ސަރުކާރަށް ނާންގާ. އެޑްމިޓް ކުރާ ދުވަހެއް ވެސސް ނޭނގޭ. އޮޕަރޭޝަން ކުރަންޖެހޭކަން ޔަގީން. ދެ ގޮތަކަށް މި ސާޖަރީ ކުރެވޭނެ. އެއީ ހޮޅިއެއް ލައްވައިގެންނާއި ފަޅައިގެން. އާއިލާ އިން ނިންމާ ގޮތެއް އެނގުނީމާ، އިނގިރޭސި ވިލާތުގައި ހުންނަވަން ދޭން ޖެހޭ މުއްދަތު އަޅުގަނޑުމެންނަށް އެނގޭނީ. ސާޖަރީ އަށް ފަހު ވެސް ކޮންމެވެސް ވަރަކަށް މަޑުކުރަން ޖެހޭނެ. އެއީ ކަސްރަތާއި އަދި ރަނގަޅުވަންދެން،" އުމަރު ވިދާޅުވި އެވެ. އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ކުރިން "ހަވީރަ"ށް އިންޓަވިއުދެއްވަނީ: މިރޭ ރާއްޖެ ވަޑައިގަންނަވާނެ.. --ހަވީރު ފައިލް ފޮޓޯ ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދިން އިރު މިރޭ އެ ގައުމުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު ހޫގޯ ސްވަޔާ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ. އޭނާ ވަނީ ނަޝީދު އަލުން މާފުށީ ޖަލަށް ގެންދިއުމުން ކުރިން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމަކު ސުވަޔާ ރާއްޖެ ވަޑައިގަންނަވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދެއްވީ އެ ގައުމުގެ އިތުރުން އެހެން މީހުންގެ ޕްރެޝަރާ ހެދި ތޯ ދެންނެވުމުން އުމަރު ވިދާޅުވީ، ޕްރެޝަރު އަންނަ ކަމަށާއި އެކަމާ ކަންބޮޑު ނުވާ ކަމަށެވެ. "އަޅުގަނޑުމެން މިތިބީ އެ ޕްރެޝަރު ނަގާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ