މަޖިލީހުގެ ރައީސާ ބާރުތައް ހަވާލުކުރުމުގެ ހުށަހެޅުން ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ރިޔާސީ ދައުރު ހަމަވުމުގެ ކުރިން އާ ރައީސަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ވެރިކަން ހަވާލު ކުރުމަށް މަޖިލީހުން އާދިއްތަދުވަހު ފާސްކުރި ހުށަހެޅުން ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސްޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. އެ މައްސަލަ ހުށަހެޅުއްވި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާ ވެރިކަމުގެ ބާރުތައް ހަވާލުކުރުމަށް ފާސްކުރި ހުށަހެޅުމަކީ ގާނޫނުއަސާސީއާ ހިލާފު ހުށަހެޅުމެއް ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ ދުސްތޫރީ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނުމުގެ ހައްގު ލިބިގެންވާ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި އެފަދަ ނިންމުމެއް މަޖިލީހަށް ނިންމޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ވަހީދު ސިފަކުރެއްވި ގޮތުގައި އެމްޑީޕީން އިސްވެ ހުށަހެޅި ހުށަހެޅުމަކީ ގާނޫނުއަސާސީގެ މައްޗަށް ހުދުމުހުތާރު ބާރެއް ބޭނުން ކުރުމަށްޓަކައި ހުށަހެޅި ހުށަހެޅުމެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބިފައިވާ ބާރުތަކާއި އިހުތިޔާރުތަކަށް އަރައިގަނެވޭ ފަދަ ގޮތަކަށް ފާސްކޮށްފައިވާ ހުށަހެޅުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "ކޮން އިޖުރާއަތްތަކެއް ފޮލޯކޮށްގެން ހުށަހެޅި އެއްޗެއް ކަމެއް ވެސް އެނގޭކަށް ނެތް. ގަރާރެއް ނުވަތަ ބިލެއް ވިޔަސް ހުށަހެޅޭނެ ގޮތްތަކެއް އެބަ ހުރި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި. އެހެން ވީމަ، މިއީ ކޮން އުސޫލަކުން ފާސްކޮށްފައި އޮތް އެއްޗެއް ކަމެއް ވެސް ނޭނގެ،" އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އެއީ މަޖިލީހަށް ލިބިފައިވާ ބާރުތަކުގެ ބޭރުން، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ރޫހާ ހިލާފަށް ނިންމާފައިވާ "ގާނޫނީ ގޮތުން ކިޔޭނެ ވަކި ނަމެއް ނޭނގޭ" ނިންމުމެއް ކަމަށް ވާތީ އެ ނިންމުން ބާތިލު ކަމަށް ކަނޑައެޅުމަށް ހުށަހެޅީ ކަމަށް ވަހީދު ވިދާޅުވި އެވެ. މަޖިލީހުގެ ރައީސާ ވެރިކަމުގެ ބާރުތައް ހަވާލުކުރުމަށް އެމްޑީޕީން ހުށަހެޅީ ނޮވެމްބަރު 11ގައި އާ ރައީސަކު ހުވާ ނުކުރެވިއްޖެ ނަމަ ދެން އަމަލު ކުރާނެ ގޮތަކާ މެދު މަޖިލީހުގެ ލަފައަކަށް ރައީސް މުހައްމަދު ވަހީދު އެދިވަޑައިގަތުމުން އާދިއްތަދުވަހު ބޭއްވި މަޖިލީހުގެ ހާއްސަ ޖަލްސާގަ އެވެ. އެމްޑީޕީގެ ފަރާތުން އެ މައްސަލަ ހުށަހެޅީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު އެވެ. އެއީ ގާނޫނުއަސާސީ އާ ހިލާފު ހުށަހެޅުމެއް ކަމަށް ބުނެ އެ މައްސަލައިގެ ވޯޓުގައި ޕީޕީއެމް އާއި ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ މެމްބަރުން ބައިވެރިއެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ