އައިޓީ ދާއިރާގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާ "އިންކިއުބޭޓާ ސެންޓަރެއް" ފުވައްމުލަކުގައި ގާއިމް ކުރަނީ
އައިޓީ ދާއިރާގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާ "އިންކިއުބޭޓާ ޑިވްލޮޕްމަންޓް ސެންޓަރެއް" ފުވައްމުލަކުގައި ގާއިމްކުރަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ. ފުވައްމުލަކު އަތޮޅު ކައުންސިލާއި ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީ ގުޅިގެން މިއަދު ހެދި މި އެމްއޯޔޫގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް އާއި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުރުން ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ފަޒާދެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ( އައިސީޓީ) ދާއިރާގެ ޒުވާނުންނަށް ހާއްސަކޮށްގެން ފުވައްމުލަކުގައި ގާއިމުކުރާ ފަދަ ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ 100 ދުވަހުގެ ލަނޑުލަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި މި ސެންޓަރު ހުޅުވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "މި ސެންޓަރުގެ ސަބަބުން އައިޓީ ދާއިރާގެ ޒުވާނުންނަށް ގިނަ ފުރުސަތު ތަކެއް ތަނަވަސް ވެގެންދާނެ. މިކަމުގެ ސަބަބުން ރާއްޖޭގައި ތިބި ހުނަރުވެރި ޒުވާނުންނަށް ފުރުސަތު ތަކެއް ހުޅުވިގެން ދާނެ. އެ ޒުވާނުން ތަރައްގީއަށްޓަކައި ގެންގުޅޭ ވިސްނުންތައް ބޭނުންކޮށްގެން އައިސީޓީ ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި ހުޅުވާލެވޭ ރަނގަޅު ދޮރަކަށް ވާނެ،" އަމީން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގެ ބައެއްގައި ގާއިމް ކުރާ މި ސެންޓަރުގެ ހިދުމަތް އެއްފަހަރާ 30 ކުދިންނަށް ހޯދޭނެ ކަމަށެވެ. "މިތަނުގެ ހިދުމަތް ބޭނުންކުރާ ކުދިންނަށް ރާއްޖޭގެ އެކި ސިނާއަތްތަކުގައި ބޭނުންކުރާނެ ތަފާތު އެޕްތައް ތައްޔާރު ކުރެވޭނެ. އަދި އޭގެ އަލީގައި ވިޔަފާރީގެ ރޮނގުން ވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދޭނެ،" އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވީ މިސެންޓަރު ގާއިމުކުރުމުން އެތަނަށް ބޭނުންވާނެ އިންސްޓްރަކްޓަރު ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ. ޔޫތު މިނިސްޓަރު މަލީހު ވިދާޅުވީ ޔޫތް ސެންޓަރުގެ ބައެއްގައި އިންކިއުބޭޓާ ޑިވްލޮޕްމަންޓް ސެންޓަރެއް ގާއިމް ކުރަން ހަތް އަހަރުގެ މުއްދަތައް ދީފައިމިވަނީ މިވަގުތު އެތަނުގެ ބޭނުން އެންމެ ރަނގަޅަށް ކުރެވެން އޮތް ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ. "އިންކިއުބޭޓާ ޑިވްލޮޕްމަންޓް ސެންޓަރު ގާއިމް ކުރަން ދީފައިވާ ކްލާސް ރޫމަކީ 70 ފޫޓު ފުޅާ 26 ފޫޓު ދިގު ކްލާސް ރޫމްތަކެއް. އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖޭ ޒުވާނުންނަށް މިފަދަ ފެސިލިޓީސްތަކުގެ ސަބަބުން ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެން ދިއުން،" މަލީހު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިތަން ގާއިމް ކުރަން މާބޮޑު ހަރަދެއް ނުދާނެ ކަމަށެވެ. "މިކަމުގައި އޮތް އެންމެ ބޮޑު އެއް ހޭދައަކީ އިންފްރާސްޓްރަކްޗާ އެކަން މިވަނީ ގާއިމް ކުރެވިފަ. ދެން ހޯދަން ޖެހޭނީ އިންޓަނެޓު ކަނެކްޝަނާއި ބައެއް ކޮމްޕިއުޓަރު،" މަލީހު ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ފަޒާދު ވިދާޅުވީ މިއީ ފުވައްމުލަކު ކައުންސިލުން ވަރަށް ކުރީއްސުރެން ފެށިގެން ދެކެމުންއަންނަ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. "މި ސެންޓަރު ފުވައްމުލަކުގައި ގާއިމް ކުރެވުނު ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ މިތަނުން މުޅި ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އޭގެ ފައިދާ ކުރުން. އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް ފުވައްމުލަކުގެ ފަސްގަނޑުން ރާއްޖޭގެ އެންމެންނަށް ހިދުމަތް ކުރުން،" ފަޒާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ