ތ. އޮމަދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކޮށްދިނުންމަށް ގޮވާލައި އެރަށުގެ ރައްޔިތުން މިރޭ މުޒާހަރާއެއް ކޮށްފި އެވެ.
އޮމަދޫން ވާހަކަދެއްކި ބައެއް މީހުން ބުނީ ރައްޔިތުން މުޒާހަރާ ކުރީ މިދިޔާ ހޯމަ ދުވެހުގެ ރެއިން ފެށިގެން އެރަށުން ކަރަންޓް ކެނޑިފައިވާތީ އެކަމަށް ހައްލެއް ހޯދައި ދިނުމަށް އެދި ކަމަށެވެ.
މުޒާހަރާއަށް ނުކުތް މީހުން މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން މިރޭ 8:00 ޖަހަންދެން މުޒާހަރާ ކުރި އެވެ. އެއްވި މީހުން މުޒާހަރާ ހުއްޓާލީ، ކައުންސިލުން އެ މައްސަލައިގެ ސާފު ޖަވާބެއް މާދަމާ މެންދުރު 12:00 ޖެހުމުގެ ކުރިން ދޭނެ ކަމަށް ބުނުމުން ކަމަށެވެ.
އޮމަދޫން ވީނިއުސްއަށް މައުލޫމާތު ހިއްސާކުރި ބައެއް މީހުން ބުނީ ރައްޔިތުން އެދެނީ އާ އިންޖީނެއް ހޯދައިގެން ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ. އަދި މާދަމާ އެކަން ވަކިގޮތަކަށް ނުނިމޭނަމަ ކައުންސިލް އިދާރާއަށް ވަންނާނެ ކަމަށެވެ.
އޮމަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝާއިރު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން އެރަށުގައި ހިންގަމުން އަންނަ އިންޖީނުގޭގައި ހުރި ދެ އިންޖީނުގެ ތެރެއިން އެ އިންޖީނު ހަލާކުވެ ރަށުން ކަރަންޓް ކެނޑިފައި އޮންނަތާ 48 ގަޑިއިރު ހަމަވަނީ ކަމަށާ އެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަނާ ގުޅޭތޯ ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އަދި އެކަން ކާމިޔާބު ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެރަށު އިންޖީނުގޭގައި ކުރިން ތިން އިންޖީނު ހުންނަ ކަމަށާ އޭގެ ތެރެއިން އެއް އިންޖީނު ހަލާކުވިތާ ހަ މަސް ވެފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު އެއް ގަޑިއިރު ކަރަންޓް ކަނޑާލައިގެން ކުރިއަށް ގެންދާތާ ވެސް ދެއަހަރު ވެދާނެ ކަމަށެވެ.
ކަރަންޓުގެ މައްސަލައިގައި އޮމަދޫގައި މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ