ކުއްޖަކު ލައްވައި ހަށިވިއްކުވި މީހުން އަލުން ފުލުހުންގެ ބަންދަށް ގެންދަން ހައި ކޯޓުން އަމުރުކޮށްފި

ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވުމުގެ ތުހުމަތުގައި ގދ. ތިނަދޫން ފުލުހުން ހައްޔަރުކުރި ހަތް މީހުން ގޭ ބަންދުގައި ތިއްބާ އެ މީހުން ފުލުހުންގެ ބަންދަށް ގެންދަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ހައި ކޯޓުން އިއްޔެ އެގޮތަށް އަމުރުކުރީ އެ މައްސަލައިގެ ތުހުމަތުގައި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރު ކުރުމުން 15 ދުވަހަށް އެ ދެ މީހުން ގޭ ބަންދުގައި ބެއިތިއްބުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. ތިނަދޫ ކޯޓުގެ އަމުރުގައިވާ ގޮތުން އެ މީހުން ގޭ ބަންދުގައި ބައިތިއްބަން އަމުރުކުރީ އެ މީހުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީ އެވެ. ނަމަވެސް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މުޖްތަމައުގެ ސަލާމަތަށް މީހެއްގެ ފަރާތުން ނުރައްކާ ވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ އެ މީހަކު ބަންދުކުރަން ޖެހޭނީ މުޖްތަމައަށް ނުރައްކަލެއް ނުފޯރުވޭނެފަދަ ތަނެއްގައި ކަމަށެވެ. އެހެންކަމުން އެ މީހުން ގޭ ބަންދުގައި ބައިތިއްބަން ނިންމާފައިވާ ނިންމުން ބާތިލްކޮށް، ދަށު ކޯޓުގެ އަމުރުގައިވާ މުއްދަތަށް އެ މީހުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބައިތިއްބަން އަމުރުކުރާ ކަމަށް ވަކިވަކިން އިއްވި ހުކުމުގައިވެ އެވެ. މިދިޔަ ހޮނިހިރުދުވަހު ރޭ ދަންވަރު 3:30 ހާއިރު ތިނަދޫ ގެސްޓް ހައުސްއެއްގެ ތެރޭގައި 16 އަހަރުގެ އަންހެން ކުއްޖަކު ލައްވައި ފައިސާ އަށް ހަށި ވިއްކުވަމުން ދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންނަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ