ގާޒާ ފަންޑު ފައިސާ މި މަސް ނިމުމުގެ ކުރިން ހަވާލުކުރަން މި އަންނަނީ މަސައްކަތް ކުރަމުން: ކޮމެޓީ

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ގެއްލުން ލިބެމުންދާ ގާޒާ ރައްޔިތުންނަށް އެހީވުމަށް ދިވެހި މީޑިއާގެ އިސް ނެގުމާއެކު ކުރިއަށް ގެންދިޔަ "ހެލްޕް ގާޒާ" ޓެލެތޯނުން ލިބުނު ފައިސާ މި މަސް ނިމުމުގެ ކުރިން ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓިއަރިން ކޮމެޓީން މިއަދު ބުންޏެވެ. އަދާލަތު ޕާޓީގެ އިސް ނެގުމާއެކު ކުރިއަށް ގެންދިޔަ ގާޒާ ފަންޑު މޯލްޑިވްސް އަށް ލިބިފައިވާ ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކު ފެށި ފަންޑުގެ ޖުމްލަ އަދަދު ވަނީ 28.9 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ. ހުރިހާ މީޑިއާތަކެއްގެ ބައިވެރިވުމާއެކު 36 ގަޑިއިރަށް ކުރިއަށް ގެންދިޔަ ގާޒާ ޓެލެތޯނުން އެކަނި ވެސް 22.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، ދޭން ބުނި ފައިސާގެ ތެރެއިން ފަންޑަށް ޖަމާނުކޮށް މިހާރު ހުރީ 381،250.17ރ. އެވެ. ހެލްޕް ގާޒާ ފަންޑު ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރު އަދި ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވީ ގާޒާ ފަންޑަށް ދިވެހިން ހަދިޔާކުރި ފައިސާ ޑޮލަރަށް ބަދަލުކުރުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކަށް މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެ ފައިސާ ޑޮލަރަށް ބަދަލުކޮށް މި މަސް ނިމުމުގެ ކުރިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާޒާ ފަންޑަށް މިހާރު ލިބިފައިވާ ފައިސާގެ އަދަދަށް ބަލާއިރު އެއީ ގާތްގަނޑަކަށް 1.8 މިލިއަން ޑޮލަރެވެ. "ފައިސާ ފޮނުވުމަށް ގަތަރު ރެޑް ކްރެސެންޓާ އެކު ވެސް މިހާރު ވާހަކަ ދައްކަމުން މި އަންނަނީ. އެ ފައިސާ އެ މީހުންނާ ހަވާލުކުރުމަށް ކުޑަ އެގްރިމެންޓެއް ހެދުމަށް މިހާރު ޑްރާފްޓް އެ މީހުންނަށް ވާނީ މެއިލްކޮށްފައި،" އޭނާ ވިދާޅުވި އެވެ. ހިރިގާ ވިދާޅުވި ގޮތުގައި އެ ފައިސާ ގާޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންގެ ބޭނުންތަކަށް ނޫން އެހެން އެއްވެސް ބޭނުމަކަށް ބޭނުން ނުކުރުމަށް އެ ޑްރާފްޓްގައި ޝަރުތުކުރާނެ އެވެ. އެގޮތުން އެ ފައިސާ ބޭނުންކުރަން ޖެހޭނީ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ބޭހާއި އެ ނޫން ވެސް ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށް ކަމަށް ޑްރާފްޓުގައި ހިމަނާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހިރިގާ ވިދާޅުވީ ފަންޑަށް ފައިސާ ހަދިޔާކުރަން ވައުދުވި ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ ތިން އޮފީހަކުން ވެސް އަދި ފައިސާ ޖަމާކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ހޯމަ ދުވަހާ ހަމައަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ދިނުމަށް ފަހު ފަންޑު ބަންދުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ