ފޭދޫ ދާއިރާގެ ޕްރައިމަރީގެ ޝަރީއަތް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ސ. ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ބާތިލުކޮށްދިނުމަށް އެދި އެ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ސިވިލް ކޯޓުގައި ތާވަލްކޮށްފި އެވެ. މީގެ ކުރިން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެއީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ މައްސަލަ އަކަށް ވާތީ އެ މައްސަލަ ބަލައި ނުގަތެވެ. ހައި ކޯޓުގެ ނިންމުމާ ގުޅިގެން އަލްހާން ވަނީ މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން ނިހާދުގެ ކެންޑިޑޭސީ ހިފަހައްޓައިދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ. އަލްހާންގެ ކޮއްކޮ ނޫރުބާން ފަހުމީ މިއަދު ވިދާޅުވީ މާދަމާ މެންދުރުފަހު 3:00 ގައި ބާއްވާ އަޑުއެހުމުގައި އޮންނާނީ ވަގުތީ އަމުރާ މެދު ގޮތެއް ނިންމުން ކަމަށް ބެލެވޭ ކަމަށެވެ. ފޭދޫ ދާއިރާގެ ޕްރައިމަރީ ނިހާދު ކާމިޔާބުކުރެއްވީ 316 ވޯޓާ އެކުގަ އެވެ. އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ. އަލްހާންގެ ބުރަކަށްޓައް ވަޅި ހެރުމުގެ ސަބަބުން އޭނާގެ މައިބަދަ އަށް ލިބުނު އަނިޔާގައި ކަނާތު ފައިގެ ހަރަކާތް ހުއްޓުނެވެ. ލަންކާގެ ސެންޓްރަލް ހޮސްޕިޓަލްގައި އަލްހާނަށް ފަރުވާދިނުމަށް ފަހު އޭނާ މިރޭ މާލެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ