އަލަތު ކައިވެންޏެއް: ފިރިމީހާ އަށް 103، އަނބިމީހާ އަށް 91 އަހަރު
އުމުރުން 103 އަހަރުގެ ފިރިހެނަކާއި 91 އަހަރުގެ އަންހެނަކު ހޮނިހިރު ދުވަހު އިނގިރޭސި ވިލާތުގައި ކައިވެނިކޮށްފި އެވެ. މިއީ އަލަތު ކައިވެނި މިހާ ދޮށީ އުމުރެއްގައި ކުރުމުގެ ދުނިޔޭގެ ރެކޯޑެވެ. ޖޯޖް ކާބީ އާއި ޑޮރީން ލަކީ އަލަތު ކައިވެނިކޮށްފައި މި ވަނީ އެކުގައި އުޅޭތާ 27 އަހަރު ފަހުންނެވެ. އާއިލާ އާއި ގާތް އެކުވެރިން ބައިވެރިވި ކައިވެނީގެ ހަފުލާގައި މި ޖޯޑު ތިބީ ވަރަށް އުފަލުންނެވެ. ކައިވެނި ހަފުލާގައި އަންހެން މީހާ ލައިގެން ހުރީ ނޫކުލައިގެ މާޖެހި ހުދު ހެދުމެކެވެ. ފިރިހެން މީހާ ކަޅު ކޯޓަކާ އެކު ޓައީ އަޅައި ވަރަށް ސްމާޓްކޮށެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ހިނގި ހާދިސާއެއްގައި ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް އިންނަން ޖެހިފައި ވަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. އޭނާ އަކީ ޒުވާން ދުވަސްވަރު ބޮކްސިން ކުޅުންތެރިއެކެވެ. އެންމެ ދޮށީ އުމުރެއްގައި އަލަތު ކައިވެނިކުރުމުގެ ރެކޯޑް ކުރިން އޮންނަނީ ފްރާންސް ބަޔަކަށެވެ. އެ ޖޯޑުގެ ޖުމުލަ އުމުރަކީ 191 އަހަރެވެ. އެކަމަކު އިނގިރޭސި ވިލާތުގައި މި ކައިވެނިކުރި ދެ މީހުންގެ އުމުރުން ވީ ޖުމުލަ އަހަރު 194 އަހަރަށް އަރަ އެވެ. ކައިވެނީގެ ކުރިން ވާހަކަ ދައްކަމުން އަންހެން މީހާ ބުނީ ކުރިން ކައިވެނި ނުކުރެވުނީތީ އެއްގޮތަކަށް ވެސް ހިތާމަ ނުކުރާ ކަމަށާއި އޭރު ކައިވެނިކުރަން ބޭނުން ނުވީ ކަމަށެވެ. ނަަމަވެސް މިހާރު މި ކައިވެނިކުރީ ކުރަން ބޭނުންވީމާ ކަމަށް ބުންޏެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ދެ މީހުން އަލަތު ކައިވެނިކުރި ނަމަވެސް ކައިވެނިން ބޭރުގައި ހަތް ދަރިން ހޯދާފައިވެ އެވެ. އަދި ދަރިންގެ ދަރިންގެ އަދަދު 22 އަށް އަރަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ