ގަމު ހަމަދު ސްކޫލް: ތަފާތު ބަދަލުތަކަކަށް ފުރުސަތު ބޮޑު
ހެނދުނު 7:00 ވީއިރު ބައެއް ދަރިވަރުން ތިބީ ސްކޫލް ކައިރީގަ އެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ރަށުގެ އެންމެ އަވަށެއްގެ ކުދިންނެވެ. ފަހަރަކު އަވަށަކުން ކުދިން ގެންނަމުން ދިޔައީ އެކަމަށް ޚާއްސަ ދެ ބަހުގަ އެވެ. ގަމުގެ މަތިމަރަދޫ އަވަށުގައި ހުންނަ ހަމަދު ބިން ހަލީފާ އައްސާނީ ސްކޫލުގެ ކިޔެވުން ފަށާ ރަސްމީ ގަޑިއަކީ ހެނދުނު 8:30 އެވެ. އެކަމަކު އޭގެ ދޮޅުގަޑިއިރު ކުރިން ދަރިވަރުން ކޮންމެ ދުވަހަކު ވެސް ސްކޫލަށް އަންނަން ޖެހެނީ ދަތުރުފަތުރު ހުރި ގޮތުންނެވެ. އެކަހެރިކޮށް ހުންނަ ގަތަރު އަމީރުގެ ނަމުން މަޝްހޫރު ސްކޫލަށް އެކި އަވަށްތަކުން ދަރިވަރުން އަންނަން ޖެހެނީ ވިއްސަކަށް މިނިޓްގެ ބަސް ދަތުރަކަށް ފަހު އެވެ. އެކި އަވަށްތަކުން ދަރިވަރުން "އެއްކޮށްގެން" ކިޔަވައިދިނުމަކީ ގޮންޖެހުމެއް ގަތަރުގެ އަމީރުގެ ހިލޭ އެހީއާ އެކު މީގެ 19 އަހަރު ކުރިން، 1998 ގައި ހުޅުވި ސްކޫލަކީ ގްރޭޑް 6-12 އަށް ކިޔަވައިދެމުން އަންނަ ވަސީލަތްތައް ގިނަ ސްކޫލެކެވެ. ކޮމްޕިއުޓަ ލެބާއި ސައިންސް ލެބާއި ލައިބްރަރީ އާއި އެ ނޫން ވެސް ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކުރަން ބޭނުންވާ ވަސީލަތްތައް ނިސްބަތުން ގިނަ އެވެ. އެ ސްކޫލުގައި މިހާރު ޖުމްލަ 336 ދަރިވަރުން ކިޔެވި ނަމަވެސް އެއް ފަހަރާ 700 ދަރިވަރުނަށް ވެސް ކިޔަވައިދިނުމުގެ ޖާގަ ހިމެނެ އެވެ. އެކަމަކު މި ރަށުގެ އެކި އަވަށްތަކުގެ ސްކޫލްތަކުން ގްރޭޑް ފަހެއް ނިންމައި، ގްރޭޑް ހައަކާ ހިސާބުން އެ ސްކޫލަށް ވައްދާ ގޮތަށް އޮތުމުން ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރަން ހުރަސްތަކާ ދިމާވާ ކަމަށް ސްކޫލުގެ މެނޭޖްމެންޓުން ދެކެ އެވެ. ޕްރިންސިޕަލް ޝައުކަތު ވިދާޅުވީ އެހެން ސްކޫލްތަކުގައި ކިޔެވުމަށް ފަހު ގްރޭޑް ހައަކާ ހިސާބުން އެ ސްކޫލާ ގުޅޭއިރު، ގިނަ ދަރިވަރުން ތިބެނީ ކިޔެވުމާއި އަހުލާގީ ގޮތުން ވެސް ވަކި ގޮތަކަށް ބައްޓަންވެފައި ކަމަށެވެ. ގްރޭޑް ހަޔަކަށް ދާއިރު ރަނގަޅަށް ލިޔަންކިޔަން ނޭނގޭ ދަރިވަރުން ވެސް ކުރިން ސްކޫލަށް ވައްދާފައިވެ އެވެ. އެހެން ނަމަވެސް މިހާރު އުސޫލެއް ކަނޑައަޅައި ސްކޫލަށް ވައްދަނީ އެކުދިންގެ ފެންވަރު ވަރަށް ރަނގަޅަށް ވަޒަންކޮށްފައި ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ. ދަރިވަރުންތަކެއް ކްލާސްތެރޭގައި ކިޔަވަނީ: އެ ސްކޫލުގައި ކިޔަވައިދެނީ ގްރޭޑެ 6-12 އަށް. ޝައުކަތު ވިދާޅުވި ގޮތުގައި އެ ސްކޫލަށް ވައްދާ ބައެއް ދަރިވަރުންގެ ކިޔެވުމުގެ ޝައުގުވެރިކަން ކަންބޮޑުވާން ޖެހޭ މިންވަރަށް ކުޑަ އެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ލަފާކުރައްވަނީ ރަށު ތެރޭގައި ހުރި އިޖުތިމާއީ ބައެއް މައްސަލަތަކެވެ. އެކަން ރަނގަޅު ކުރަން ސްކޫލާއި ބެލެނިވެރިން ގުޅިގެން މަސައްކަތްކުރެ އެވެ. އެހެންކަމުން މިހާރު، ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، ގަމުގައި ހިންގާ މާރާމާރީ އާއި ވައްކަމާއި ފޭރުމާއި އެހެން ބައެއް އަމަލުތަކުގައި ސްކޫލުގެ ދަރިވަރުންގެ ޝާމިލްވުން ކުޑަ އެވެ. ދަރިވަރުންގެ އަހުލާގީ މިންގަނޑަށް ބަލާއިރު، ޕްރިންސިޕަލް ވިދާޅުވީ، ސްކޫލުން ކަންބޮޑުވާން ޖެހޭ މިންވަރު މިހާރު ކުޑަ އެވެ. އެހެން ސްކޫލްތަކުގައި ވެސް ކުރިމަތިވާ އަހުލާގީ ބައެއް މައްސަލަތައް ހަމަދު ސްކޫލްގައި ވެސް ދޭތެރެ ދޭތެރެ އިން ހިނގި ނަމަވެސް ކުރިއާ އަޅާބަލާއިރު އެ މައްސަލަ ވަރަށް ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަތީޖާ ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ތައުލީމީ ގޮތުން ކާމިޔާބީތަކެއް ހޯދައި އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރަން ސްކޫލާއި ބެލެނިވެރިން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަ ގުޅުން ވެސް މިހާރު ބޮޑެވެ. ޕްރިންސިޕަލް ވިދާޅުވީ ސްކޫލުގެ ނަތީޖާ އެއް އަހަރުން އަނެއް އަހަރަށް ކުރިއަރަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރު ގްރޭޑް 10 އެއް ނިންމި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން އޯ ލެވެލްގެ ގަދަ 10 ގައި ހިމެނުނުކަން އޭނާ ފާހަގަކުރައްވަ އެވެ. ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާ އެކު ސްކޫލުގެ އެސެމްބްލީ ކުރިއަށް ގެންދަނީ: ފަސް މާއްދާ އިން ސީ ފާސް ހޯދައި ގައުމީ މިންގަނޑާ އެއްވަރެއްގައި ހިފެހެއްޓުމަކީ ވެސް އެ ސްކޫލްގެ އެންމެ މުހިންމު އެއް އަމާޒެވެ. އެކަމަކު އެ މިންގަނޑާ ހަމައަށް ވާސިލްވުމުގައި ދަތިތަކެއް ހުރި ކަމަށް ޕްރިންސިޕަލް ދެކެވަޑައިގަންނަވަ އެވެ. "ގައުމީ މިންގަނޑު މިދިޔަ އަހަރު ހާސިލެއް ނުކުރެވުނު. އެހެން ނަމަވެސް މި ސްކޫލުގެ ތާރީހުގައި ވެސް އެންމެ ރަނގަޅު ނަތީޖާ ލިބުނީ މިދިޔަ އަހަރު. ނަތީޖާގެ ޕަސެންޓޭޖް 30-40އާ ދެމެދު މިވަނީ ހިފެހެއްޓިފައި،" ޝައުކަތު ވިދާޅުވި އެވެ. ޝައުގުވެރި މާހައުލަކަށް ސްކޫލް ހެދުމަށްޓަކައި ސްމާޓް ކްލާސްރޫމްތަކަކަށް ބަދަލުކުރުމުގެ މަޝްރޫއުއެއް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ގްރޭޑް ހައަކާއި ހަތެއްގެ ހަތަރު ކްލާސް ރޫމް މިހާރު ވަނީ އެ ފެންވަރަށް، ޒަމާނީ ސާމާނު ބަހައްޓައި، ތަރައްގީކޮށްފަ އެވެ. ފާހަގަކޮށްލެވޭ ސްކޫލަކަށް ހެދުމުގެ އަޒުމް ތައުލީމީ ގޮތުން ކުރިއެރުމުގެ ފުރުސަތު ގަމުގެ މި ސްކޫލްގައި ބޮޑެވެ. އަދި ސްކޫލަށް އިތުރު ފުރުސަތު ހޯދައިދިނުމުގެ ގޮތުން ވެސް މެނޭޖްމަންޓުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ސްކޫލް ކުދިންގެ ދަތުރުފަތުރުގެ ކަންކަން ރަނގަޅުކުރުމާއި ސްކޫލާ ޖެހިގެން ހުންނަ 36 ކޮޓަރީގެ 12 އެޕާޓްމެންޓްގެ ދަނާލުގެ ބޭނުން ހިފޭނެ ގޮތެއް ހަމަޖެއްސުން ހިމެނެ އެވެ. އެއީ އަތޮޅުގެ އެހެން ރަށްތަކުން ހަމަދު ސްކޫލަށް އަންނަ ދަރިވަރުންނަށް ހާއްސަކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ. އެކަމަކު އެތަނުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި އަދި ނުހިފަ އެވެ. ޕްރިންސިޕަލް ޝައުކަތު: ބައެއް ބަދަލުތަކާ އެކު ސްކޫލަށް ބޮޑެތި ކާމިޔާބީ ހޯދޭނެ ކަމަށް ގަބޫލުކުރައްވާ. --ހަވީރު ފޮޓޯ ޕްރިންސިޕަލް ޝައުކަތު ވިދާޅުވި ގޮތުގައި ސްކޫލް ނިންމާފައި މުޖުތަމައަށް ނިކުންނަ ދަރިވަރުންނަކީ މަސައްކަތާއި ހުނަރު ދަސްވެފައި ތިބި ކުދިންނަށް ހަދަން ސްކޫލުން އިސްކަންދެ އެވެ. "އުމްރާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން މި ސްކޫލަކީ މިހާރު ވެސް ރާއްޖޭގައި ފާހަގަކޮށްލެވޭނެ ސްކޫލެއް. އެ ވަސީލަތްތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން މި ސްކޫލަކީ މި ސަރަހައްދުގެ ލީޑިން ސްކޫލްގެ ގޮތުގައި ހެދުމަކީ އަޅުގަނޑުމެން އެންމެ ބޭނުންވާ އެއް ކަންތައް،" ޝައުކަތު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ