ވިލާއާ ބެހޭ ގޮތުން ދައުލަތުން ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް: ގާސިމް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ޕެން ޑްރައިވްގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ދައުލަތުގެ އިސް ވެރިންތަކަކަށް ހަމަލަދޭން ރާވާފައި ވަނީ، ވިލާއިން ފަންޑްކޮށްގެން ކަން އެނގޭ ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފައިވާ ވާހަކަތައް އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް މިރޭ ދޮގުކުރައްވައިފި އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން، ކޮލަމްބޯގައި ތިއްބަވާ، އެކި ގައުމުތަކުގެ ސަފީރުންނަށް މައުލޫމާތު ދެއްވުމަށް ފުރާ ވަޑައިގަތުމުގެ ކުރިން، ރަސްމީ ފާލަމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ގާސިމް ވިދާޅުވީ، ވިލާ ކުންފުންޏާ ބެހޭ ގޮތުން ދައުލަތުން ދެއްކީ، އެ ކުންފުނި ބަދުނާމް ކުރުމުގެ ވާހަކަތަކެއް ކަމަށެވެ. "އަޅުގަނޑުމެންނަކީ ޣައިރު ގާނޫނީ ކަމަކަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ވެދޭނެ ބައެއް ނޫން. އަދި ވެ ދީފައިވާ ބައެއް ވެސް ނޫން. ނުވެސް ވެދޭނަން. އެއީ ބަޔަކު ފްރޭމް ކުރުމަށްޓަކައި [ދައުލަތުން ދެއްކި ވާހަކަތަކެއް]" އޭނާ ވިދާޅުވި އެވެ. ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި، މިއަދު ހަވީރު 4:00 ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނީ، ޕެން ޑްރައިވުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ވިލާއިން ފަންޑްކޮށްގެން، "އިންޑިވިޖުއަލް ޓާސްކްތަކަކާ"އި "ޖޮއިންޓް ޓާސްކްތަކެއް" ނާޒިމާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެއީ ދައުލަތުގެ އިއްޒަތްތެރިންތަކަކަށް ހަމަލާދިނުންކަން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ. ނޫސްވެރިންގެ ސުވާލުތަކުގެ ޖަވާބުގައި ގާސިމް ވިދާޅުވި ގޮތުގައި، ނާޒިމް ފްރޭމް ކުރުމަށްޓަކައި ފުލުހުން ދެއްކި ވާހަކަ "ދެކޮޅު ނުޖެހެ" އެވެ. އަދި އެކަން ހުރިހާ ރައްޔިތުން ވެސް މިއަދު ގަބޫލު ކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. "މީގެެއިން މި އިނގެނީ ވެރިކަމަށް ކުރިމަތިލާފާނެ ކަމަށް ހީކުރެވޭ ކޮންމެ މީހަކު ފްރޭމް ކުރުންކަން މީގައި މި އޮތީ،" އޭނާ ވިދާޅުވި އެވެ. ނާޒިމްގެ އަނބިކަނބަލުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރުމަށް ފަހު، އަނބުރާ ގެންދިޔަ މައްސަލާގައި، ގާސިމް ވިދާޅުވީ، ދައުވާ ކުރަނީ "ކުޅޭ ކުޅޭ ކަމެއްގެ ގޮތުގައި" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ