ބޮޑު މަހާސިންތާގެ ސަބަބުން ހަމަނުޖެހުމެއް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރަން: އިދިކޮޅު އިއްތިހާދު

އަޙުމަދު ޝަރުވާން
23 ޑިސެމްބަރު އިއްތިހާދުން އިސްނަގަވައިގެން މާދަމާ ހަވީރު ބާއްވަން ހަމަޖައްސާފައިވާ ޤައުމީ މަހާސިންތާގެ ސަބަބުން އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާނެކަމަކަށް ގަބޫލް ނުކުރެވޭކަމަށް އެއިއްތިހާރުގެ ނައިބު ރައީސް އަބްދުއްﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީއެ.އެން.އެމް. އަށް ދެއްވި އިންޓަރވިއުއެއްގައި މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އަބްދުއްﷲ ވިދާޅުވީ އިދިކޮޅު އެމް.ޑީ.ޕީ. އިން ކުރަމުން ގެންދާ ދިގު މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ގޮތުގައި ދެކޭ ކަމަށާއި އެމުޒާހަރާގެ ސަބަބުން އެއްވެސް ކަހަލަ ހަމަނުޖެހުމެއް މިހާތަނައް ހިނގާފައިނުވާ ކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި މިބޮޑު މަހާސިންތާ ކުރިޔަށްގެންދިޔަ ކަމުގައި ވިޔަސް ހަމަނުޖެހުމެއް މަގުފަހިވާ ކަހަލަގޮތެއް މެދުވެރިނުވާނެކަމަށް ވެސް އޭނާ ވިދާލުވިއެވެ.
"އެމް.ޑީ.ޕީ. ގެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ގޮތުގައި އަޅުގަނޑު ދެކެން. މިދަނޑިވަޅުގަ މިއިއްތިހާދުން މަހާސިންތާ ކުރިޔަށް ގެންދިޔަ ކަމުގައިވިޔަސް ހަމަނުޖެހުމެއް ނުހިނގާނެ. އަޅުގަނޑުމެން މިމަހާސިންތާގައި އަޑު އުފުލާނީ ސުލްހަވެރިކަމާ އެއްކޮށް" އަބްދުއްﷲ ވިދާޅުވިއެވެ.
ރައީސް ވަހީދުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް ކަމަށާއި ސަރުކާރުން މިއަދު ކުރަމުން ގެންދާ ކަންތައްތަކަކީ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކަށްވާތީވެ އެކަމާ ގުޅޭގޮތުން އަޑު އުފުލުން އޮންނާނެ ކަމަށްވެސް އަބްދުއްﷲ ވިދާޅުވިއެވެ.
23 ޑިސެމްބަރުން މާދަމާ ހަވީރު 4:00 ގައި ބާއްވަން ހަމަޖައްސާފައިވާ މަހާސިންތާގައި ބައިވެރިވުމަށް ރާއްޖެތެރެއިން ވެސް މީހުން އަންނަކަމަށާއި މިގޮތުން މިމަހާސިންތާ މާދަމާރޭ 12:00 ޖަހަންދެން ކުރިޔަށްދާނެކަމަށް ވެސް އަބްދުއްﷲ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ