ގައުމަށް ދިމާވެފައިވާ ބޮޑު މައްސަލައިން ސަލާމަތްކުރުމަށް އޮތް ހަމައެކަނި މަގަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދުރުކުރައްވާ ރާއްޖޭގެ ވެރިކަން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާ ހަވާލުކުރެއްވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރ އަދި މެޖޯރިޓީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ރައީސް އަލީ ވަހީދު ވިދާޅުވެއްޖެވެ.
ހިލޭ ބޭސްފަރުވާކުރެވޭ ނިޒާމުގެ ހިދުމަތް ހިންގިދާނެކަމާމެދު ސުވާލު އުފައްދާ ތަރައްގީގެ ގިނަ މަޝްރޫއުތައް ނުހިންގިދާ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް މިހާރު ހޭދަކުރާ ފައިސާ ވަގުތުން ހުއްޓާލުމަށް ހުށަހަޅާފައިވާ ގަރާރަށް ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ގައުމުވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި އެ އަނދަވަޅުން ގައުމު ސަލާމަތް ކުރެވޭނެ ހަމައެކަނިގޮތަކީ މަޖިލީހަށް މިހާރު ވައްދާފައިވާ ރައީސް ވަހީދުގެ އިތުރުބާރުނެތްކަމުގެ މައްސަލަ ފާސްކޮށް ރައީސް ކަމުގެ މަގާމުން ޑރ. ވަހީދު ދުރުކުރުންކަމަށެވެ.
"ގައުމުގައި އޮތް ހުރިހާ މައްސަލައެއްގެ ހައްލަކަށް ފެންނަނީ އެންމެކަމެއް. އެކަމަކީ ރައީސް ވަހީދުގެ އިތުރުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ފާސްކޮށް ރައީސް ކަމުން ވަހީދު ދުރުކުރުވުމަށް ފަހު ގައުމުގެ ވެރިކަމާ މަޖިލީހުގެ ރައީސް ޝާހިދު ހަވާލުވުން. ދެމަސް ދުވަހަށް ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެން ބާއްވާ އިންތިހާބުން ގައުމު ހިންގާނެ ވެރިއަކު ހޯދުން،" އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަ ދައްކާއިރު ފެބްރުއަރީ ހަތަކާއި އަށެއްގެ ވާހަކަ ވެސް ދެން ދެއްކުމުގެ ބޭނުމެއް ނެތްކަމަށާއި މިހާރު އެކަންކަން ވަނީ މާޒީގެ ތެރެއަށް ގޮސްފައިކަމަށާއި ދެން އޮތްހާވެސް ގޮތަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ގައުމުގެ ވެރިއަކު އިންތިހާބުކޮށް އެ މީހަކާ ގައުމު ހަވާލުކުރުން ކަމަށެވެ.
"އިންތިހާބު ބާއްވަންވީ. އެއިންތިހާބު އެމްޑީޕީން ކާމިޔާބުކުރިއަސް އަދި ޕީޕީއެމުން ކާމިޔާބު ކުރިއަސް އެބަޔަކާ ގައުމު ހަވާލުކޮށްގެން ގައުމައިގެން ކުރިއަށްދާންވީ. އެ ނޫން ހައްލެއް ނެތް މިހާރު ގައުމަކަށް،" އަލީ ވަހީދު ވިދާޅުވިއެވެ.
އާސަންދައިން ބޭސްކުރާއިރު އަމިއްލަ ޖީބުން ފައިސާ ހަރަދުކޮށް، އެހިދުމަތް ދިނުމާމެދު ސުވާލު އުފެދިގެން އުޅެނީ ގައުމުގެ ކަންކަން މިހާ ހިސާބަށް ދިއުމުންކަމަށާއި އެކަންކަމަށް އޮތް ހައްލަކީވެސް އިންތިހާބެއް ބާއްވައިގެން ވެރިއަކު ހޮވުން ކަމަށާއި ވެރިއަކަށް ހުންނަވާ ބޭފުޅަކު ނިސްބަތްވާ ޕާޓީއަކަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ނެތް ހާލަތަށް ގައުމު ވެއްޓިފައިވުމުން ތަފާތު މައްސަލަތައް ކުރިމަތިވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު ހުށަހެޅުއްވި އެ ގަރާރަށް ވާހަކަ ދައްކަވަމުން ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ މުހައްމަދު ރަފީގު ހަސަން ވިދާޅުވީ އާސަންދައިގެ ހިދުމަތާމެދު ސުވާލު އުފެދިގެން އުޅެނީ ކުރީގެ ސަރުކާރުން ކަންކަންކޮށްފައިވާ ގޮތުގެ ސަބަބުންކަމަށާއި ބޭކާރު ހަރަދުތައް ކުރުމަށް ފަހު ފައިސާ ނުދައްކާ ގިނަ އަދަދެއްގެ ދަރަނި މިހާރުގެ ސަރުކާރަށް ވާރުތަވެފައިވުމުގެ ސަބަބުންކަމަށެވެ.
"ބޭރު ހަރަދުތައްކޮށްފައިވަނީ. އެކަމުގެ ސަބަބުން އާސަންދަގެ ހިދުމަތާމެދު ސުވާލު އުފެދުނީ. ސަރުކާރުން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނުން އަގުބޮޑުކުރީ. އެކަމުގެ ސަބަބުން ލިބުނީ ގެއްލުން ރައްޔިތު މީހާއަށް. އަނެއްކާ ކުރީ ސަރުކާރުން އެބަހުރި އާސަންދަ އިން ހިދުމަތް ހޯދު ތަންތަނަށް ފައިސާ ނުދައްކާ. އެކަންކަން ރަނގަޅުނުކުރުމަށް މިހާރު ދަނީ މަސައްކަތްކުރަމުން. އެ ފަދަ ތަފާތު މައްސަލަތައް ހުރެގެން އާސަންދަ އާއި ތަރައްގީގެ މަސައްކަތްތަކާމެދު ސުވާލު އުފައްދަނީ،" ރަފީގު ވިދާޅުވިއެވެ.
ހައްލަކީ ރައީސް ވަހީދު މަގާމުން ދުރުކުރުމަށް ފަހު ޝާހިދުއާ ގައުމު ހަވާލުކުރުން: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ